ޚަބަރު

ޢީދު ބަންދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ސިފައިން ޚާއްޞަ އޮޕަރޭޝަނެން ފަށައިފި


ޢީދުބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސިފައިން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމް.އެން.ޑީ.އެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމަށް ކޯސްޓް ގާރޑުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. މި އޮޕަރޭޝަންގައި އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލެއިން ފުރާ އުޅަނދުފަހަރުގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އޭރިއާތަކުގެ ރައްތަކުން ފުރާ އުޅަނދުފަހަރުވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ.

އެމް.އެން.ޑީ.އެފުން ބުނީ މި އޮޕަރޭޝަނަކީ ކޮންމެ ޢީދު ބަންދަކާ ދިމާކޮށް ކަނޑު ދަތުރުފަތުރުކުރާ މީހުންގެ ޢަދަދު އިތުރުވާތީ، ދަތުރުވެރިންނާއި، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.