ފޮޓޯ

ފޮޓޯ ސްޓޯރީ : ޑރ. ޝަހީމް ފުވައްމުލަކުގައި ދެއްވި ދަރުސް

ކެމްޕެއިން ދަތުރެއްގައި ފުވައްމުލަކަށް ވަޑައިގެން އުޅުއްވާ، ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފުވައްމުލަކުގައި ވަރަށް ޚާއްޞަ ދަރުހެއް ދެއްވައިފިއެވެ.

ޑރ. ޝަހީމް މިރޭ މަޣްރިބް ނަމާދަށް ފަހު ފުވައްމުލަކު ދަޑިމަގު އަވަށު އުއްމުލްޤުރާ މިސްކިތުގައި ދެއްވި މި ދަރުހުގައި ފުވައްމުލަކު އެކި އަވައްތަކުން ގިނަ ޢަދަދެއްގެ މީހުން ވަނީ ދަރުސް އަޑު އަހަން ގޮސްފައެވެ. މި ދަރުހުގައި ޑރ. ޝަހީމް ވާހަކަފުޅު ދައްކަވާފައިވަނީ މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭ ގޮތުންނެވެ.

ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން ދުނިޔޭގެ މުސީބާތްތަކުން އެމީހަކު ސަލާމަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެމީހަކު ކިތަންމެ މަތީ މަޤާމެއްގައި ހުއްޓަސް މައިބަފައިންނާ މަޝްވަރާ ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.

"ދަރިން ކިތަންމެ ބޮޑުވިޔަސް އެމީހުންގެ މައިންބަފައިންނަށް ވުރެ ބޮޑެއް ނުވާނެ. ކިތަންމެ މަތީ މަޤާމުތަކުގަ ތިއްބަސް އެމީހުންގެ މައިންބަފައިންނަށްވުރެ މައްޗެއް ނުވާނެ. މައިންބަފައިންނާ މަޝްވަރާ ކުރަން ޖެހޭނެ. އެމީހުންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ޖެހޭނެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުނިޔޭގެ އެތަށް މުސީބާތަކުން މާތް ﷲ އެމީހުން ސަލާމަތް ކުރައްވާނެ ކަމެއް." - ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ފުވައްމުލަކަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި ދީނީ ކަންކަމަށް ވަރަށް ބޮޑަަށް ސަމާލުކަން ދެއްވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގެތަކަށް ޒިޔާރަތް ކުރައްވައި ކުދިންނަށް ޤުރުއާން ކިޔަވައިދެއްވާ، އަދި ޒުވާނުންނަށް ނަސޭހަތްތެރިވެ ހައްދަވައެވެ.