ޚަބަރު

ގެއްލުނު ފައިސާ ހޯދާނެ ހަކަތައެއް އިދިކޮޅަކު ނެތް - ރައީސް


ދިވެހި ދަޢުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދާނެ ހިތްވަރެއް އިދިކޮޅު ކޯލިޝަނުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމެޓީއެއް އުފައްދަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ތ. ކަނޑޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ދިވެހި ދަޢުލަތުން ގެއްލިގެން ދިޔަ ފައިސާ ހޯދަން އިދިކޮޅު ފަރާތްތަކަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދިޔަ ކަމަށެވެ. ނަމަވެސް އެ ދުވަހު އެބޭފުޅުންނަށް ހޯދުނު އެއްވެސް ފައިސާއެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގައި އެ ހަކަތަ ހުރިނަމަ އެބޭފުޅުންނަށް ވެރިކަން ކުރަން ލިބުނު ފުރުޞަތުގައި އެ މައްސަލަތައް ބަލައި ޝަރީޢަތުގެ ކުރިމައްޗަށް އެ މައްސަލަތައް ގެންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ މައްސަލައިގެ ތަހުޤީގު އޮތީ ނިމިފައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ވަނީ އެފަދަ އެތައް މައްސަލަތަކެއް ބަލަން ލިބުނު ފުރުޞަތުގައި އެ މަސައްކަތް ނުކުރީ ކީއްވެގެންތޯ އިދިކޮޅު ފަރާތްތަކާއި ސުވާލު ކުރައްވާފައެވެ.

"އެ ބޭފުޅުން، އެ ބޭފުޅުންގެ ތެރޭގައި ގުޅުންތައް ހުރި ގޮތުން އެ މައްސަލަ ބަލާފައި އެ ފައިސާ ނެގި މީހުން ޝަރީޢަތުގެ ކުރިމައްޗަށް ގެނެވޭހާ ހަކަތައެއް ނޫނީ ހިތްވަރެއް އެ ބޭފުޅުންގެ ނުހުންނާނެ. އެހެން ވެގެން، އޭރު ވެސް ނުކުރެވުނީ. މިހާރު ވެސް އެ ޓީމުގައި އެ ތިއްބެވީ ހަމަ އެއް ބައެއް. އެ ހަކަތަ ހުރި ނަމަ، އެހާ ވަރަށް އެ ވާހަކަ ދައްކަމުން ގެންދިޔައިރު، ތިން އަހަރު ތެރޭގައި އެކަން ކޮށްފައި އޮންނާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ކޮމެޓީއެއް އުފައްދާނެ ކަމަށް މިއަދު އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެ ކޮމެޓީ މިހާރު އުފައްދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުން ކޮމެޓީއެއް އުފައްދާ އެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށެވެ.

"ދަޢުލަތަށް ވަންނަންޖެހޭ ފައިސާގެ ހިސާބުތައް އަޅުގަނޑުމެންނަށް ދިމާކުރެވޭ އެބަ. ފައިސާ ހޯދުމުގެ މަސައްކަތުގައި ބުރަތަކެއް އުފުލަން ޖެހެނީ. އެސެޓް ރިކަވަރީ ކޮމިޝަނެއް އަޅުގަނޑުމެން ހެދީމު. ރައީސް ނަޝީދުގެ ސަރުކާރުގައި ރިޔާސީ ކޮމިޝަނެއް އުފެއްދި. އެ ކޮމިޝަނު އުފައްދައިގެން ތިބޭފުޅުން ވިދާޅުވެދެއްވަވާ އެއިން އެންމެ ފައިސާ ފޮއްޗެއްވެސް ހޯދަން މަސައްކަތް ކުރެވުނުތޯ. އެ މަސައްކަތެއް ނޫން ކުރެއްވީ. ކުރެއްވި މަސައްކަތަކީ އޭރު ކުރީގެ ސަރުކާރުތަކުގައި ތިއްބެވި ބޭފުޅުންގެ މިކަހަލަ ކަންތައްތަކެއް ހުރެދާނެ ކަމަށް އެބޭފުޅުންނަށް ބިރު ދައްކަން ކުރި މަސައްކަތެއް ކުރީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފައިސާ ހޯދަން މަސައްކަތް ކުރިނަމަ އެފްޕީއައިޑީގެ މައްސަލާއިގައި ފައިސާއަށް އިޙްމާލު ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅީސް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބިރު ދައްކަން ކުރި މަސައްކަތުގެ ތެރެއިން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްވެސް ފުލުހުންނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ހަމަ އެ މަސައްކަތުގެ ތެރެއިން ޚުދު އެމަނިކުފާނުވެސް ފުލުހުންނަށް އެތައް ފަހަރެއްގެ މަތިން ހާޒިރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު ސިއްރު ކަންތައްތަކެއް ނުވަތަ ޚިޔާނާތްތެރިވެފައި ހުރި ކަންކަމެއް އުޅޭ ކަމަށްވަންޏާ މީހަކު ބިރު ގަންނަންޖެހޭނީ. އަޅުގަނޑުމެން އެ ދުވަހު އެ ދަތުރު ކުރަންޖެހުނީމަ އެ ދަތުރު އެގޮތަށް ކުރީމު. އެހެންވީމަ އެއީ ބިރު ދައްކަން ކުރި މަސައްކަތެއް. އެބޭފުޅުންނަށް ނުކުރެވުނު ކަމަކީ އަޅުގަނޑުމެންގެ ފިކުރު އެބޭފުޅުންގެ ފިކުރައް ލަންބާލަން ކުރި މަސައްކަތް އެބޭފުޅުންނަށް ނާކާމިޔާބު ވެގެން ދިޔައީ. އެެހެންވީމަ އެއީ އެބޭފުޅުން ދަޢުލަތުން ގެއްލިގެންދިޔަ ފައިސާ ހޯދަން ކުރެއްވި މަސައްކަތެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އެ މަސައްކަތް ކުރެއްވިއިރު މިއަދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި އިބްރާހީމް މުޙައްމަދު ޞޯލިޙަކީ އެމްޑީޕީގެ އިސް މަޤާމުތަކުގައި އޭރުވެސް ތިއްބެވި ބޭފުޅުން ކަމަށެވެ. މަޖިލީހުގެ ތެރެއިން ކަމެއް ކުރާ ކަމަށްވީ ނަމަވެސް އޭރުވެސް އެންމެ އިސްކޮށް ނިކުންނަވަން ހުންނެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުޙައްމަދު ޞޯލިޙް ކަމަށެވެ.

"އެކަމަކު އޭރުވެސް އެކަންކަން މަޖިލީހުގެ ތެރެއިން ކުރަން ނުކެރުނުއިރު މިއަދު އަޅުގަނޑަކަށް ނުވިސްނޭ ކޮމެޓީއެއް އުފައްދަވާ ވާހަކަ ދެއްކެވީމަ މިއީކީ އެހާ ހަރުދަނާ އޮށްޓަރެއް ހުރެގެން ދެއްކި ވާހަކައެއް ކަމެއް ޤަބޫލުކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަޢުލަތަށް ފައިސާ ދައްކަންޖެހޭ މީހުންގެ މައްސަލަތައް ޝަރީޢަތަށް ފޮނުވުމުގެ ކުރިން ބަންޑާރަ ނާއިބު އެ ފަރާތްތަކަށް ސިޓީ ފޮނުވަމުންދާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް ބޭފުޅުން ފައިސާ ދައްކަމުން އަންނަ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.