ޚަބަރު

އެންޓި ކެމްޕެއިން ކުރުމުގެ ފަލްސަފާއެއް ނުގެންގުޅެން - ޑރ. ޝަހީމް


އެންޓި ކެމްޕެއިން ކުރުމުގެ ފަލްސަފާއެއް ކުރިއަށް ނުނެރުއްވާ ކަމަށް ރައީސް ޔާމިންގެ ރަނިންގްމޭޓް ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ދޫޑިގަން އަވަށުގެ އިސް ރައްވެހިންނާއި ބައްދަލު ކުރައްވުމުން ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން ފެށުނީއްސުރެވެސް އެންޓި ކެމްޕެއިން ކުރުމުގެ ފަލްސަފާ ކުރިއަށް ނުނެރުއްވާ ކަމަށެވެ.

"އަޅުގަނޑު މި ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އެންޓި ކެމްޕެއިން ކުރުމުގެ ފަލްސަފާ އަޅުގަނޑު ކުރިއަށް ނުނެރެން. އަޅުގަނޑު މެންނަން އަންނަ ބަހަކަށް ރައްދު ދިނުން ފިޔަވައި، އެހެންވީމަ އަޅުގަނޑު މެން މި ކުރަނީ ޕޮޒިޓިވް ކެމްޕެއިނެއް. އީޖާބީ ކެމްޕެއިންނެއް. އޯގާތެރި ކެމްޕެއިނެއް. އަޅުގަނޑުމެން މިބަލަނީ އެމީހުންގެ [އިދިކޮޅު ފަރާތްތަށް] އެމީހުން ވޯޓު އަޅުމެންނަށް ލިބޭތޯ. މާﷲ އިރާދަ ކުރެއްވީއްޔާ އެމީހުންގެ ވޯޓުވެސް އަޅުގނޑުމެންނަށް ލިބޭނެ" - ޑރ. ޝަހީމް

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމްގެ ސަފުތަށް ބަދަހިކޮށް އޮތްހާ ހިނދަކު އެހެން އެއްވެސް ބަޔަކަށް ޕީޕީއެމް ބަލި ނުކުރެވޭނެ ކަމަށެވެ. އަދި ޑރ. ޝަހީމް ވަނީ އެހެން ޕާޓީ ތަކުގެ މެމްބަރުންނަށް އެއްވެސް ބުރަ ބަހެއް ރައްދު ނުކޮށް އިދިކޮޅު ފަރާތްތަކުގެ ވެސް އަަތުގައި ހިފައިގެން ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރުމަށް ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.

ރޭގެ ބައްދަލުވުމުގައި ދޫޑިގަން އަވަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ޑރ. ޝަހީމް މިވަގުތު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެންދަނީ ހުރިހާ އަވަށްތަކުގެ ގެތަކަށް ޒިޔާރަތް ކޮށް ރައީސް ޔާމީން އަށް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.