އިސްލާމްދީނާއި ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަންޖެހޭ އެއް ބަޔަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެމިނިސްޓްރީން ކުރިއަށްގެންދިޔަ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ބައްދަލުވުން ނިންމުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ބައްދަލުވުމަކީ ޚަޠީބުންނާއި އިމާމުންގެ ފެންވަރު ރަނގަޅުކޮށް މަޢުލޫމާތު ތާޒާކުރުމާއި އިދާރީގޮތުން ދިމާވާ އެކި މައްސަލަތައް ޙައްލުކުރާނެ ގޮތް ބުނެދިނުމުގެ މަޤުޞަދުގައި އެ މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ނިންމުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ އުސޫލުތަކާއި ހަމަތައް ހިމާޔަތްކުރަން ބޭރުން ބަޔަކު ނާންނާނެކަމަށާއި ދިވެހި ޤައުމު ރައްކާތެރިކުރަންޖެހޭ ބަޔަކީ ޚުދު ދިވެހިންކަމަށެވެ. އަދި މިއީ އަމިއްލަ މަސްޢޫލިއްޔަތެއްކަމަށް ދެކިގެން ހުރިހާ އިމާމުން މަސައްކަތްކުރަންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެެ.
"އަޅުގަނޑުމެންގެ ފޮތް އެބައޮތް. އަޅުގަނޑުމެންގެ ގޮތްތައް އެބަހުރި. އަޅުގަނޑުމެންގެ އަސާސްތައް އެބަހުރި. އެހެންނަމަވެސް އިސްލާމީ މުޖުތަމަޢުގަ މިކަންކަން ފެންނާކަށް ނެތް. މި މުޖުތަމަޢުގެ މި އަސާސްތައް ނަގަހައްޓާ ދަމަހައްޓާނެ ބަޔަކަށް މިއަދު ތިބޭފުޅުން ވާން އެބަޖެހޭ!" އިމާމުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ޢިލްމު އުނގެނުމަށް ގިނަ ބޭކަލުން ކުރެއްވި މަސައްކަތުގެ ވާހަކަދައްކަވާފައެެވެ. އަދި ޢިލްމު ހާޞިލްކުރެއްވުމާއެކު ރިވެތި އާދަތަކާއި އުސޫލުތަކުގައި ހިފައި ރަނގަޅު އަޙްލާޤެއްގެ މަތީގައި ދެމިތިބުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
"ޢިލްމު އުނގެނިގެން އަޅުގަނޑުމެންނަށް ކުރިއަށްދާންވި މިސްރާބު އިނގޭނީ. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް މި އުއްމަތާއިގެން ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މިއީ. އޭރުން އަޅުގަނޑުމެންނަށް އުސޫލުތަކާއި ހަމަތައް ދަމަހައްޓަން އެނގޭނީ. ޤަވާޢިދުތަކާއި އަސާސްތައް ދަމަހައްޓަން އެނގޭނީ." - އިސްލާމިކް މިނިސްޓަރ
ޚަތީބުންނާއި އިމާމުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ މިބައްދަލުވުން ނިންމައި ބައިވެރިންނަށްވަނީ ހަނދާނީ ލިޔުން ދީފައެވެ. ރާއްޖޭގެ އެކި އަތޮޅުތަކުން 100 އަށްވުރެ ގިނަ ޚަޠީބުންނާއި އިމާމުން މި މަސައްކަަތު ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު މިއީ ޚަޠީބުންނާއި އިމާމުން ތާޒާކުރުމަށް އެމިނިސްޓްރީން ބޭއްވި މިފަދަ ދިހަ ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ކުރިއަށްގޮސްފައިވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.