ކުޅިވަރު

ރާއްޖޭގެ ޓީޓީ ކުޅުންތެރިންނަށް އޮތް މައްސަލައަކީ ކުޅޭނެ ހޯލެއް ނެތުން: އިންޑިއާ އެކަޑަމީ ކޯޗު


ރާއްޖޭގެ ޤައުމީ ޓީޓީ ޓީމަށް ދިމާވެފައިވާ މައްސަލައަކީ ކުޅޭނެ ރަނގަޅު ހޯލެއް ނެތުންކަމަށް ރާއްޖޭގައި ތަމްރީނު ހޯދަމުންދާ އިންޑިޔާ ޓީމްގެ ކޯޗް ވިކާސް ބުނެފިއެވެ.

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމާއެކު ރާއްޖޭގައި ތަމްރީނުކުރަމުންދާ އިންޑިޔާގެ ޕިނެކަލް ޓޭބަލް ޓެނިސް އެކަޑެމީގެ ކޯޗު ބުނީ ޓީޓީއަކީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކުޅިވަރެއްކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާ ކުރާ ކުޅުންތެރިންނަށް ދުވާލަކު މަދުވެގެން 6 ގަޑިއިރު ނުވަތަ 7 ގަޑިއިރުގެ ޕްރެކްޓިސް ކުރަންޖެހޭކަމަށެވެ. ރާއްޖޭގެ ޤައުމީ ޓީމް ޕްރެކްޓިސް ކުރަނީ ދުވާލަކު 2 ގަޑިއިރު ކަން ފާހަގަކުރަމުން ކޯޗް ބުނީ ޤައުމީ ޓީމެއް ފަރިތަކުރަން 2 ގަޑިއިރު މާ ބޮޑަށް މަދު ކަމަށެވެ.
ކޯޗު އިތުރަށް ބުނީ ރާއްޖޭގެ ޓީޓީ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންނަމަ ޓީޓީއަށް ހާއްސަ ހޯލެއް ހުރުން މުހިންމު ކަމަށެވެ. މިހާރު ޓީޓީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޔޫތް ސެންޓަރުގެ އިންޑޯ ހޯލްގައިކަމުން އެހެން ކުޅިވަރުތަކަށް ޖާގަދިނުމަށް ވަކި ގަޑިއަކަށް ނިންމާލަން މަޖުބޫރުވާތީ އެކަށީގެންވާވަރަށް ޕްރެކްޓިސް ނުކުރެވޭކަން ކޯޗު ފާހަގަކުރިއެވެ. ކޯޗް ބުނީ އިންޑިޔާގެ ޕިނެކަލް ޓޭބަލް ޓެނިސް އެކަޑެމީގެ ކުޅުންތެރިންނަކީ މަދުވެގެން ދުވާލަކު 7 ގަޑިއިރު ފަރިތަކުރާ ކުޅުންތެރިން ކަމަށާއި، އެކަޑެމީގައި ކޮންމެ ގަޑިއެއްގައިވެސް ކުޅުންތެރިންނަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނަ ކަމަށެވެ.

" އަސްލު ރާއްޖެ ޓީމް ރަނގަޅު، އެކަމަކު މައްސަލައަކީ ހާއްސަ ހޯލެއް ޓީޓީއަށް ނެތުން. މިހާރު ހަތެއް ޖަހާއިރު ޕްރެކްޓިސް ނިންމާލަންޖެހޭ ވޮލީއަށް ތަން ދިނުމަށް. ޓޭބަލް ޓެނިހަކީ ވަރަށް ވަގުތު ބޭނުންވާ ގޭމެއް، އިންޓަނޭޝަނަލީ ކުޅޭ ކުޅުންތެރިންނަށް ބޭނުންވޭ މަދުވެގެން ހަގަޑިއިރު ނުވަތަ ހަތްގަޑިއިރުގެ ޕްރެކްޓިސް. ރާއްޖެ ޓީމް ޕްރެކްޓިސް ކުރަނީ ދެގަޑިއިރު، އެއީ ވަރަށް މަދު ވަގުތުކޮޅެއް. އިންޑިޔާގައި ދެގަޑިއިރުގެ ޕްރެކްޓިހުން ސްޓޭޓް ލެވެލްގައިވެސް ހިފަހައްޓާ ނުލެވޭނެ. މިއީ ޤައުމީ ޓީމެއް، އޭޝިއަން ގޭމްސް ފަދަ އިންޓަނޭޝަނަލް ބޮޑެތި މުބާރާތްތަކުގައި ބައިވެރިވާއިރު މިއަށްވުރެ ހަތަރު ގުނަ އިތުރަށް ޕްރެކްޓިސް ބޭނުންވޭ." އިންޑިޔާގެ އެކަޑަމީ ކޯޗު ބުންޏެވެ.

މި މިމަހުގެ 8-14 އަށް އިންޑިޔާ ޓީމް ރާއްޖޭގައި ކޭމްޕް ކުރާއިރު ތަމްރީނުތައް ކުރިއަށް ގެންދަނީ 5 ގަޑިއިރު ހަމަވާ ގޮތަށް ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނުގެ ދަންފަޅި ކުރިއަށް ދަނީ ހެނދުނު 6-8 ށެވެ. އަދި ހަވީރު ދަންފަޅީގެ ކުޅުން ކުރިއަށްދަނީ ހަވީރު 4-7 ށެވެ.