ޚަބަރު

ރައީސް ޔާމީން ތަރައްޤީ ގެންނަވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް - މިނިސްޓަރ ޠާރިޤް


ރައީސް ޔާމީން ގެންނަވާ ތަރައްޤީއަކީ ވަކި ފިކުރަކަށް ބެލުމެއްނެތި މުޅި ޤައުމަށް އޭގެ މަންފާ ލިބޭގޮތަށް ގެންނަވަމުންދާ ތަރައްޤީއެއްކަމަށް އެންވާރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ޙިދުމަތާއި، ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ތާރިޤް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީގެ ފިކުރުގެ މީހުންނަށް އެކަނި ކަންކަން ކޮށްދިން ނަމަވެސް ރައީސް ޔާމީން ގެ ސަރުކާރުން މި ޤައުމަށް ތަރައްޤީ ގެންނަވަނީ ތަފާތު ކުރުމެއް ނެތި އެންމެންނަށް އޭގެ މަންފާ ކުރާގޮތަށް ކަމަށެވެ.

ކޮލަމާފުށީގެ ނަރުދަމާގެ ނިޒާމަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަޝްރޫގެ ދަށުން ހަތެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ދުއިސައްތަ ފަންސާސް ޓަނުގެ ސްވޭޖް ސިސްޓަމެއްވެސްވަނީ ބަހައްޓާފައެވެ.

އަދި މިރަށުގެ ފެނުގެ ނިޒާމަށް 24 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން އަށެއް ޕޮއިންޓް ދޭއް ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ޤާއިމްކޮށްފައިވެއެވެ. މި މަޝްރޫގެ ދަށުން ތިންސަތޭކަ ސައުވީސް ގޭބީސީތަކަށް ފެނުގެ ޙިދުމަތް ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.