ޚަބަރު

ދިވެހިންނަށް ލަންޑަން ހީތްރޯ އެއަރޕޯޓް އީ-ގޭޓް މިހާރު ބޭނުންކުރެވޭނެ - މިނިސްޓަރ


އިނގިރޭސިވާލުގެ ލަންޑަންގެ ހީތުރޯ އެއަޕޯޓުގެ އީ-ގޭޓް މިހާރު ދިވެހިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

އިނގެރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ރާއްްޖެއިން ފޯރުކޮށްދިނުމަށް ޤާއިމްކުރި ވިސާ އެޕްލިކޭޝަން ސެންޓަރާ ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަގޮތެއްގައި ވިސާ ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

އިނގެރޭސި ވިލާތަށް ދާ ދިވެހިން މީގެކުރިން ވިސާ ހޯދަން ޖެހެނީ ސްރީލަންކާއަށް ގޮސްގެންކަން ފާހަގަކުރައްމަުން މިނިސްޓަރ އާސިމް ވިދާޅުވީ، ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއި ގުޅިގެން ފޮރިން މިނިސްޓްރީގައި ގާއިމްކުރި ވިސާ އެޕްލިކޭޝަން ސެންޓަރުގެ ސަބަބުން އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެކަމަށެވެ. އަދި މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖެހުމާ ހަމައަށް ފޮރިން މިނިސްޓްރީން މި ޚިދުމަތް ލިބެން ހުންނާނެކަމަށް މިނިސްޓަރު އާސިމް ވިދާޅުވިއެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރު މިކަމަށް ލިބޭ ތަރުހީބު ބޮޑުކަމަށާއި، މިދިޔަ އަހަރު 38 މީހުން ފޮރިން މިނިސްޓްރީިން މި ޚިދުމަތް ހޯދިއިރު މިހާރުވެސް 60 މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމަށެވެ.

"
"މިހާރުވެސް އިނގެރޭސި ވިލާތަށް އާންމުކޮށް ދަތުރުކުރައްވާ ފަރާތްތަކަށް ކުރީގައި ރަޖިސްޓްރީ ކޮށްފިއްޔާ ދިވެހި ޕާސްޕޯޓްގައި ލަންޑަން ހީތުރޯ އެއަރޕޯޓްގައި އީގޭޓް ބޭނުންކުރުމުގެ ޚިދުމަތް ދިވެހިންނަށް މިހާރު ވަނީ ފޯރުކޮށްދީފަ. އެހެންވީމަ އާންމުކޮށް ދަތުރުކުރާ ފަރާތްތައް އެތާންގައި ރަޖިސްޓްރީކޮށްފަ އީ ގޭޓް މިހާރުވެސް ބޭނުންކުރެއްވޭނެ. މިކަމުގެ ސަބަބުން އިނގެރޭސި ވިލާތަށް ދަތުރުކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. މިމަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އިނގެރޭސި ސަރުކާރާ ގުޅިގެން"
ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް

މީގެ އިތުރުން ޔޫރަޕްގެ އެހެން ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަވާކަމަށާއި، ކަމާބެހޭ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވިއެވެ.