ޚަބަރު

ބްރިޖް މަތީގައި ކައިވެނިކުރަން ހުޅުވާލުމުން ބޮޑު ތަރުޙީބެއް


ސިނަމާލޭ ބްރިޖްގައި ކައިވެނިކުރަން ހުޅުވާލުމުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ބްރިޖު މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަޢުދެކެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙްމަދު ފަޒާލް ވިދާޅުވީ ބްރިޖްމަތީގައި ކައިވެނިކުރާ ޒުވާނުންނަށް ބޭނުންވާ ޚަރަދުގެ ބައެއް ސަރުކާރުން ހަމަޖައްސާނެކަމަށެވެ. އަދި މިއަދު ހެނދުނު މި ފުރުސަތު ހުޅުވާލުމުން މިކަމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާތީ، ވީހާވެސް ގިނަ ބަޔަކަށް ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ކޮންމެ ކައިވެންޏަކަށް ސަރުކާރުން ވަކި ޢަދަދަކަށް ފައިސާ ޚަރަދުކުރާގޮތަށް އޮތް އުސޫލު އުވާލައި މިއަދު އައު ފޯމެއް ނެރެފައިވާކަމަށެވެ.

މީގެ އިތުރުން ކައިވެނި ޙަފްލާއަށް ގިނަވެގެން 50 މީހުންނަށް ދައުވަތު ދެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މިކަމަށް އެދޭ ފޯމް މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑިތަކުގައި ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، 13 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައެޅޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ބްރިޖްމަތީގައި 5 ތީމަކަށް ކައިވެނި ކުރެވޭނެކަމަށެވެ. އެއީ މޯލްޑިވިއަން، ޗައިނީޒް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް ތީމެވެ. ކައިވެނިކުރަން އެދޭ ފޯމުގައި މިއިން ކޮންމެވެސް 2 ތީމެއްގައި ފާހަގަލާންޖެހެއެވެ.

ބްރިޖް މަތީގައި ކައިވެނިކުރުމަށް އެދޭ ފޯމާއެކު ފެމިލީ ކޯޓުން ދޫކުރާ ކައިވެނިކުރުމަށް އެދޭ ފޯމާއި، ލިޔެކިއުންތައް ހުށައަޅަންޖެހެއެވެ. ކައިވެނި ޙަފްލާ އޮންނާނެ ތާރީޚް ހުށައެޅޭ ފޯމްގެ ޢަދަދަށް ބެލުމަށްފަހު ފަހުން އިޢުލާނުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވުމާއެކު ބްރިޖް މަތީގައި ކައިވެނިކުރަންބޭނުންވާ ޒުވާނުންނަށް އެފުރުސަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އަދި ބްރިޖް މަތީގައި ކައިވެނިކުރާ ޒުވާނުން ކައިވެނި ކުރާތަނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން އެޒުވާނުންގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.