ޚަބަރު

ޚިދުމަތް އިތުރަށް ފުޅާކުރުމަށް، ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި


ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އަޑުގެ އެންޓަނާތައް ބަދަލުކުރުމަށް، އަޑުގެ މީޑިއަމްވޭވްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޑިޖިޓަލައިޒްކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މާލޭގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ތިލަފުއްޓައް ބަދަލުކުރުމަށްޓަކައި، އަޑުގެ މީޑިއަމް ވޭވްގެ ޚިދުމަތް ރެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ދިވެހިރާއްޖޭގެ އަޑުގެ އެފް.އެމް ބޭންޑް މެދުވެރިކޮށް އެޚިދުމަތް ރާއްޖޭގެ ބޮޑު ބަޔަކަށް ލިބެމުންދާނެއެވެ. އެފް އެމް ބޭންޑުން ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބޭނީ 89 މެގަހާރޓްސް އިންނެވެ.

މީގެއިތުރުން ޕީ.އެސް.އެމް ލައިވް މޯބައިލް އެޕްލިކޭޝަނާއި، ޕަބްލިކް ސަރވިސް މީޑިއާގެ ވެބްސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ އަޑު އަޑުއެހޭނެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދެމުންގެންދަނީ މީޑިއަމް ވޭވް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް، އެންމެ ޒަމާނީ ރޭޑިއޯ ޚިދުމަތަކަށް އަޑުގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ޕަބްލިކް ސަރވިސް މީޑިއާއިން ގެންދަނީ ހިންގަމުންނެވެ.