ޚަބަރު

ޤައުމު ހަލަބޮލިކޮށް، އަމާންކަން ނަގާލަން ރާވަމުންދާތީ ސިފައިން ތައްޔާރީ ޙާލަތުގައި


ޤައުމު ހަލަބޮލިކޮށް، އަމާންކަން ނަގާލަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިގެން ސިފައިން ތައްޔާރީ ޙާލަތުގައި ތިބިކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެ ހަލަބޮލިކޮށް ޤައުމުގެ އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ. އަދި މިކަން ދިވެހި ސިފައިން، ފުލުހުންނާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ދިވެހި ސިފައިންނަށާއި، ފުލުހުންނަށް ރިޕޯޓްކުރުމަށް ޑިފެންސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރުމަށާއި، ދިވެހިންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓަރ ވަނީ ދެއްވާފައެވެ.