ޚަބަރު

ރައީސް ޔާމީނަށް ތާޢީދު އިތުރުކުރެއްވުމަށް ޑރ.ޝަހީމް މެލޭޝިޔާއަށް


ރަޢީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާޢީދު އިތުރުކުރެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައީސް ޔާމީންއަށް ތާޢީދު އިތުރުކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުއެވެ.
މެލޭޝިޔާއަށް ކުރައްވާ 4 ދުވަހުގެ ދަތުރުގައި ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޑރ ޝަހީމް ވިދާޅުވީ މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާއި، މެލޭޝިއާގައި ތަޢުލީމު ޙާސިލް ކުރަމުންގެންދާ ދަރިވަރުންނާއި ބައްދަލުކުރައްވާނޭކަމަށެވެ. އެގޮތުން ޢާއިލާތަކާއި ބައްދަލުކުރައްވައި ހާލުބެއްލެވުމާއި، މެލޭޝިއާގައި ތަޢުލީމު ޙާސިލްކުރަމުންދާ ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާނޭކަމަށް ޝަހީމް ވިދާޅުވިއެވެ. މިދަތުރުފުޅުގެ ތެރެއިން ވަކިވަކި އާއިލާތަކާއި ބައްދަލުކުރުމާއި ޖަލްސާގެ ގޮތުގައި ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި މެލޭޝިޔާގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު މިދަތުރުގެ ތެރެއިން ރީ-ރަޖިސްޓްރޭޝަންގެ ކަންކަންވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ޝަހީމް މެލޭޝިޔާއަށް ފުރާވަޑައިގެންފައިވާއިރު ރަައީސް ޔާމިންއަށް ތާޢީދު އިތުރުކުރެއްވުމަށް ބައެއް އަތޮޅުތަކަށްވެސް އެމަނިކުފާނު ވަނީ ދަތުރުކުރައްވާފައެވެ. އެގޮތުން މިދިޔަ ހަފްތާގެތެރޭގައި ގދ. އަތޮޅަށް ކުރެއްވި ދަތުރުގައި އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން ލިބުނު ތާޢީދު ފާހަގަކޮށް، ޑރ.ޝަހީމް ވަނީ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ޝަހީމް ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެތެރެއިން އަންނަ ހަފްތާގައި ހދ.އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.