ޚަބަރު

ޤައުމީ ޔުނިވާރސިޓީގެ އާރޓްސް ފެކަލްޓީގެ ޑީންއަކަށް ޢާޞިމް ޢަބްދުއްސައްތާރު


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމަށް ޢާޞިމް ޢަބްދުއްސައްތާރު އައްޔަންކޮށްފިއެވެ.

ޢާޞިމް ޢަބްދުއްސައްތާރަކީ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސީޓީގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓެންޓް ލެކްޗަރާގެ މަޤާމާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަޤާމުވެސް ހިމެނެއެވެ.

ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމާއި ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަވަމުން ޢާޞިމް ވިދާޅުވީ ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ފެކަލްޓީ ކުރި އެރުވުމަށްޓަކާ އާކޯސްތައް ތަޢާރަފުކޮށް މިހާރު ހިންގަމުންދާ ކޯސްތަކުގެ މަތީ ފެންވަރުގެ ކޯސްތައް ތަޢާރަފްކުރައްވާނެ ކަމަށެވެ.

ޢާޞިމް ޢަބްދުއްސައްތާރަކީ ތަޢުލީމީ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢާޞިމްއަކީ މިހާރުވެސް ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުކަމާއި އެކެޑަމިކް ސެނޭޓްގެ މެންބަރުކަމާއި އެކެޑެމިކް ބޯޑުގެ މެންބަރެކެވެ. މީގެ އިތުރުން ޢާޞިމް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ.