ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ މާއްދާ އުވާލަން އުޅޭ ކަމަށްބުނެ އިދިކޮޅު ސިޔާސީ ފަރާތްތައް ދައްކަމުން ގެންދާ ވާހަކަތައް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.
ޤާނޫނުލް އުޤޫބާތުގެ 510ވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ދަޢުލަތް ހިންގުމާއި ދެކޮޅަށް ކުރެވޭ ކުށްތަކެވެ. އެގޮތުން 510ވަނަ މާއްދާގައި އެންމެ ފުރަތަމަވެސް ބަޔާންކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށެވެ. ރައްޔިތުންގެ މަޖިލީހަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ ހުށަހަޅުއްވާ ޤައުމީ ސަލާމަތު ކޮމެޓީން މިހާރު ދިރާސާކޮށް ނިންމާފައިވާ ބިލުގައި ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ 510ވަނަ މާއްދާއަށް ވަނީ އިޞްލާޙު ހުށަހަޅާފައެވެ.
އިބްރާޙީމް ދީދީ ހުށަހަޅާފައިވަނީ 510ވަނަ މާއްދާގައި މީގެކުރިން ބަޔާންކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށް އުނި ކުރުމަށްފަހު ކޯޓުގެ ޙުރުމަތް ކެނޑުމަށް އެ މާއްދާ ބަދަލު ކުރުމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި ކުރިން ރިޝްވަތުގެ ގޮތުގައި ކަނޑައެޅިފައިވާ މާއްދާ ވަނީ އުނިވެފައެވެ.
ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ މާއްދާ އުނިވެގެން ދިޔަގޮތް ޢާންމުންނަށް ސާފުކޮށްދިނުމަށް މިއަދު ހަވީރު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރިޝްވަތުގެ ކުށް ޤާނޫނޫލް އުޤޫބާތުން އުވާލައިފި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ ކަމުގެ ދެކޮޅު ނުބަލާ ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ފަތުރާ ބައެއް ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން އެ ބަޔަކަށް އިޙުތިރާމު ކުރައްވާ ދީނީ ޢިލްމުވެރިން ތިބިކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ޤާނޫނުލް އުޤޫބާތު ފާސްވެގެން ދިއުމާއިއެކު ބައެއް ކަހަލަ އިޞްލާޙުތައް ގެނައުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަޢުލަތުގެ ބަންޑާރަ ނާއިބަށް ދަންނަވާފައިވާ ކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތަކީ ބޮޑު ޤާނޫނަކަށްވާތީ އެ ޤާނޫނަށް އިޞްލާޙު ހުށަހަޅަމުން ދަނީވެސް ވަކިވަކިން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވި ގޮތުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ ހުށަހެޅުއްވި އިޞްލާޙާއިއެކު ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ޤާނޫނުލް އުޤޫބާތަށް އިޞްލާޙެއް ހުށަހަޅާފައިވާ ކަމަށާއި އެ އިޞްލާޙަކީ އަދި މަޖިލީހުން އެޖެންޑާ ނުކުރާ އިޞްލާޙެއް ކަމަށެވެ. އެހެންކަމުން އެ އިޞްލާޙުގައި ބަޔާންކޮށްފަައިވާ އެއްވެސް އެއްޗެއް މީޑިއާއަަށް ތިލަނުވާ ކަމަށް ނިހާން ވިދާޅުވިއެވެ.
"ފަށްސަތޭކަ ދިހަވަނަ މާއްދާއިން ފެއްޓިގެން 550ވަނަ މާއްދާއާ ދޭތެރޭގައި 550ވަނަ ބާބުގައި ރިޝްވަތުގެ ކުށް. ކަނޑައެޅިގެން ތަފްޞީލުކޮށް ބަޔާންކޮށް މަދު މިންވަރަކަށް ނޫން. ޢާންމުކޮށް ޢަމަލު ކުރަމުން މިދާ 2000/2 ކޮރަޕްޝަން ހުއްޓުވާއި މަނާ ކުރުމުގެ ޤާނޫނަށްވުރެ އެތައް ތަނެއް ފުޅާކޮށް އެތައް ގޮތަކުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މާސިންގާ ބޮޑު ޗެޕްޓަރެއް އެކުލަވާލެވި އެ ބިލު މިވަނީ މަޖިލީހަށް ވަދެފައި،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ ހުށަހަޅާ ޤައުމީ ސަލާމަތު ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ބިލު މަޖިލީހުގެ ތަޅުމުންވެސް ފާސްނުކުރާ ކަމަށެވެ. އެހެންކަމުން އެ ބިލު ނުވަތަ އިޞްލާޙު ސަރުކާރަށް ތާޢީދުކުރާ މަޖިލިސް މެންބަރުންތައް ފާސްކޮށްފައިވާ ކަމަށްބުނެ އެއްވެސް ފަރާތަކަށް އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.
"މި ސަރުކާރު ނޫނިއްޔާ މިހާރުވެސް އަޅުގަނޑުމެން އަތުގައި މިއޮތް 2000/2 ތެރެއިން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރި ސަރުކާރެއް ނޯންނާނެކަން ސާބިތު ހެކި ހުންނާނެ. އެއީ ދަޢުލަތުގެ ނާއިބު ރައީސެއްވިޔަސް ވަޒީރެއްވިޔަސް އަދި އެނޫން މީކަސް ޤާނޫނު އެމީހުންނާއި ދިމާލަށް އަރާ ދިއުން އޮތީ އެހެން ސަރުކާރުތަކުގައި ހުއްޓިފައި،" ނިހާން ވިދާޅުވިއެވެ.
ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތު އުވާނުލާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް ރިޝްވަތުގެ ކުށް ބަޔާންކޮށް ޤާނޫނޫލް އުޤޫބާތަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅާފައިވާ އިޞްލާޙު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާވެސް ކޮށްފައެވެ.