ޚަބަރު

"ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓުލެޓެއް ވީއައިއޭ ގައި ހުޅުވައިފި


އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓެއް ވެލާނާ އިންޓަނނޭޝަނަލް އެއާރޕޯރޓުގައި ހުޅުވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓުގެ އިންޓަރނޭޝަނަލް ޑިޕާރޗަރ ޓަރމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުއްވައިދެއްވީ މޯލްޑިވްސް އެއާރޕޯރޓްސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާއެވެ.

މިރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އެއާރޕޯރޓުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކޮށް ފަސެންޖަރުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުންކަމަށެވެ. އެގޮތުން ގްލޯރިއާ ޖީންސް ކޮފީސްގެ އައުޓުލެޓަކީވެސް އިތުރު ފެށުމެއްކަމަށާ، އަދި ކުރިއަށްއޮތް ތަނުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑެއް ކަމުގައިވާ ކޮސްޓަރ ކޮފީގެ އައުޓްލެޓެއްވެސް އެއަރޕޯޓުގައި ހުޅުވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެން އޭގެ އިތުރުން އަޅުގަނޑުމެން ކުރިން ފަށާފައިވާނެ ޕްރޮޖެކްތްތަކެއް، ފްރެންޗައިޒް އިތުރު ރެސްޓޯރެންޓްތަކެއް އެއާރޕޯރޓުގައި ހުޅުވުމަށް. އެކަންކަން އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ކުރިއަށްގޮސް އަޅުގަނޑުމެން މިބަލަނީ އޮގަސްޓު މަހުގެ ފަހުކޮޅު މިމަސައްކަތްތައްވެސް ނިންމާލެވި ޕެސެންޖަރުންނަށާއި އާންމުންނަށް ޚިދުމަތްދެވޭނެކަމަށް. އެހެންކަމުން އެއާރޕޯރޓްގެ ޑިވެލޮޕްމެންޓް ނިމޭއިރު ޕެސެންޖަރުންނަށް ދެވޭ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއަށްގެންދެވޭނެ."

ޢާދިލް މޫސާ ވިދާޅުވިއެވެ.

ޢާދިލް މޫސާ ވިދާޅުވީ ވެލާނާ އިންޓަނެޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަންކަމުގެތެރެއިން އެމްއޭސީއެލްއިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތަކީ އެއާރޕޯރޓުގެ އައު ރަންވޭގެ މަސައްކަތްކަމަށެވެ. މިމަސައްކަތް ނިންމުމަށް ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާއި އޮގަސްޓުމަހުގެ ތެރޭގައި ރަންވޭ މުޅިން ނިންމާލެވޭނެކަމަށެވެ.
އަދި އެއަރޕޯޓުގެ އައު ޓަރމިންލާއެކު އިންޓަރނޭޝަނަލް އިތުރު ބްރޭންޑްތަކެއް ހުޅުވިގެންދާނެކަމަށްވެސް ޢާދިލް ފާހަގަކުރެއްވިއެވެ.

"ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓުލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުޅުވާފައިވާއިރު، މިއަހަރުގެ އޭޕްރީލްމަހު ރަސްފަންނުގެ ޕެވީލިއަންގައިވެސްވަނީ "ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓްލެޓެއް ހުޅުވާފައެވެ. މިއީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލު ބްރޭންޑެއްކަން ފާހަގަކުރެވެއެވެ.
ގްލޯރިއާ ޖީންސް ކޮފީއަކީ އޮސްޓްރޭލިއާގެ ރީޓެއިލް ފުޑް ގްރޫޕުން ހިންގާ ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ޚާއްސަ ފްރެންޗައިޒް ބްރޭންޑެކެވެ. 1979 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުވި މި ފްރެންޗައިޒްގެ 1000 އަށްވުރެ ގިނަ އައުޓްލެޓްތައް ދުނިޔޭގެ 39 ޤައުމެއްގައި މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި އެކަނިވެސް މި ބްރޭންޑްގެ 460 އައުޓްލެޓް ހުރެއެވެ.