ސިޔާސީ

މާލިއްޔަތު ގާނޫނަށް އިސްލާހެއް ހުށައަޅަފި





 


ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ހުށައަޅަފިއެވެ.


 
ސަރުކާރުގެ ފަރާތުން މިއިސްލާހު މަޖިލީހަށް ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. މިއިސްލާހު ހުށައެޅުއްވި މަޤްޞަދުގައި ބުނެފައިވަނީ، ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާއި ދައުލަތުގެ މުދަލެއް ވިއްކުމާއި، ކުއްޔަށް ދިނުމާއި، ދައުލަތުގެ ނަމުގައި އެއްވެސް އެހީއެއް ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އޮތުމުން، ދައުލަތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.


 
ސައުދު ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ނުވަތަ ގެރެންޓީއެއް ދިނުމަށް ހުށަހަޅަންޖެހޭ ކޮންމެ ހުށަހެޅުމެއް ހުށަހަޅާނީ ދައުލަތުގެ މާލީއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މާލީ ވަޒީރަށް ކަމަށެވެ. އަދި އެކަން ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި،


އެ ގޮތުން ދަރަންޏަށް ނަގާތާ ނުވަދިހަ ދުވަހުގެ ތެރޭގައި މަޖިލީހަށް އޭގެ ތަފްސީލާއެކު އަންގަންވާނެކަމަށްވެސް ބުނެފައިވެއެވެ.


 
 


މިހާރު އަމަލުކުރަމުންދާ މާލިއްޔަތު ގާނޫނުގައިވާ ގޮތުން ލޯނެއް ނުވަތަ ގެރެންޓީ ދިނުމުގެ ކުރިން އެކަންކަން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހެއެވެ.