ޤަތަރުން ވަރލްޑް ކަޕް ބޭއްވުމަށް ބިޑް ކާމިޔާބުކުރުމުގެ އަޑީގައި އެމެރިކާގެ ޖާސޫސީ އޭޖެންޓުންނާއި، ޕީ.އާރް ކުންފުނިތަކުގެ އިތުރުން އެމެރިކާއާއި އޮސްޓްރޭލިއާގެ ޕްރޮފެސަރުންގެ އެހީވެސް ހޯދާފައިވާކަން ފަޅާއަރައިފިއެވެ.
2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމުގެ ޝަރަފް ޤަތަރުން ހޯދާފައިވަނީ ރިޝްވަތާއި، ނުފޫޒުގެ ބޭނުންކޮށްގެންކަން މީގެކުރިންވެސް ވަނީ ފަޅާ އަރާފައެވެ. އެހެންނަމަވެސް އެކަމުގެ ތެރޭގައި އެންމެ ވަރުގަދައަށް މަސައްކަތްކޮށްފައިވާ ފަރާތްތަކާއި ބިޑް ކާމިޔާބުކުރުމަށްޓަކައި ކޮށްފައިވާ ޖަސޫސީ އަމަލުތަކުގެ ބައެއް ތަފްސީލުތައް މިހާރު ވަނީ ފެންމަތި ވެފައެވެ.
2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް ޤަތަރާ އެންމެ ގާތުން ވާދަކޮށްފައިވަނީ އެމެރިކާ އާއި އޮސްޓްރޭލިއާއެވެ.
މިހެންވެ ޤަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިދެ ޤައުމުގެ ބިޑްތައް ނާކާމިޔާބުކުރުމަށާއި، އެ ދެ ޤައުމުގެ ރައްޔިތުން ވަރލްޑް ކަޕް ބޭއްވުމާމެދު ހިޔާލުތަފާތުވުން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން އެމެރިކާގައި ވަރލްޑް ކަޕް އެންމެ ފަހުން ބޭއްވި ފަހަރުވެސް ފައިސާތަކަށް ވީނުވީ ނޭންގުނު ކަމަށާއި، އެފަހަރު ފައިދާ ޤައުމަށް ވެފައިނުވާކަމަށާއި، އެފަދަ ގޮތެއް ތަކުރާރު ވެދޭނެކަމަށް ބުނެ 23 ގަނޑުގެ ބޮޑު ރިޕޯޓެއް ޤަތަރުން ފައިސާ ދީގެން އެމެރިކާގެ ޕްރެފެސަރެއް ލައްވާ ވަނީ ލިޔެފައެވެ.
މިލިޔުން ތައްޔާރުކުރީ އެމެރިކާގެ އެސޯސިއޭޝަން އޮފް ސްޕޯރޓްސް އެކޮނަމިސްޓްސްގެ ރައީސް ޕްރޮފެސަރ ޑެނިސް ކޯޓޭސްއެވެ. ކޯޓޭސްގެ ރިޕޯޓްގައި ވަނީ އެމެރިކާއިން ވަރލްޑް ކަޕް ބާއްވާނަމަ އެތައް ބިލިން ޑޮލަރެއް ރައްޔިތުންގެ ފައިސާއިން ހަރަދުކުރަން ޖެހޭނެކަމަށެވެ. މި ރިޕޯރޓަށް އެމެރިކާގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި އެމެރިކާގެ ރައްޔިތުން ވަރލްޑް ކަޕް ބޭއްވުމާ މެދު ދެކޭގޮތް ބަދަލުކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބުނެވެ.
ޕްރޮފެސަރ ކޯޓޭސް ވަނީ މިރިޕޯރޓް ލިޔުމަށްޓަކައި އެމެރިކާގެ ވިޔަފާރިވެރިއެއް ތަމްސީލް ކުރާ ފަރާތަކުން ނުވަ ހާސް ޕައުންޑް ދިންކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް އެފައިސާ ދީފައިވަނީ ޤަތަރުން އެކަން ކުރުމަށް އެހީހޯދާފައިވާ އެމެރިކާގެ ބީ.އެލް.ޖޭ ވަރލްޑް ވައިޑުންކަން މިހާރު ވަނީ ފެންމަތިވެފައެވެ.
އަދި މިކުންފުނިން އޮސްޓްރޭލިއާގެ ބިޑްވެސް ނާކާމިޔާބުކުރުމަށްޓަކައި އޮސްޓްރޭލިއާގެ ޕްރޮފެސަރަކަށް ފައިސާ ދީގެން އެފަދަ ރިޕޯރޓެއް ތައްޔާރުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އޮސްޓްރޭލިއާގެ ޕްރޮފެސަރ ރިޗާޑް ޕޮމްފެރެޓް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ޕްރޮފެސަރ ޕޮމްފްރެޓް ބުނީ އޮސްޓްރޭލިއާއަށް ވަރލްޑް ކަޕް ބޭއްވުމުން ލިބިގެންދާނެ ގެއްލުންތަކާ ގުޅޭ ރިޕޯޓެއް ލިޔަން މީހަކު އެދުނު ކަމަށެވެ. އެކަމަށް އެދި ފައިސާ ދިންކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދީކަމަށެވެ.
މީގެ އިތުރުން ޤަތަރުން ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭގައި މީގެކުރިން މަސައްކަތްކޮށްފައިވާ ގިނަ ފަރާތްތަކެއްވެސް ހަޔަރ ކޮށް ޖަސޫސީ ގިނަ އަމަލުތަޖެއް ކުރިއަށް ގެންގޮސްފައެވެ.
މިހުރިހާ ކަމެއްގައި އެންމެ އިސްކޮށް ޤަތަރުން ހަރަކާތްތެރި ވެފައިވަނީ ޤަތަރު އަމީރުގެ ދަރިފުޅު ޝެއިޙް މުހައްމަދު ބިން ޙަލީފާ އަލް ތާނީއެވެ.
ޝެއިޙް މުހައްމަދު ބިން ޙަލީފާ އަލް ތާނީ އަކީ ޤަތަރުގެ ވަރލްޑްކަޕް ބިޑްގެ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ. އަދި ޝެއިޙް މުހައްމަދު ބިން ޙަލީފާ އަލް ތާނީ ވަނީ އެނގިހުރެ ފީފާގެ ޤަވާއިދުތަކާ ހިލާފަށް އަމަލުކޮށް ކޮންމެ ހާލެއްގައިވެސް ވަރލްޑް ކަޕް ބިޑް ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފައެވެ.
މީގެކުރިން ފެންމަތިވެފައިވާ ވާހަކަތަކަށް ބަލާއިރު ފީފާގެ އިސް އޮފިޝަލުންނަށް އެތައް މިލިއަން ޑޮލަރެއް ރިޝްވަތުގެ ގޮތުގައި ދީ ބިޑް ކާމިޔާބުކުރުމަށްޓަކައި ވޯޓް ގަންނަންވެސް އެތައް މިލިއަން ޑޮލަރެއް ޤަތަރުން ހަރުދުކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ.
އެހެންނަމަވެސް 2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ބާއްވާނީ ޤަތަރުގައިކަމަށް ފީފާއިން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.
މި މައުލޫމާތުތައް ފެންމަތިވުމާއެކު އިނގިރޭސި އެފް.އޭގެ ކުރީގެ އިސް އޮފިޝަލެއް މިހާރު ވަނީ 2022 ވަނަ އަހަރުގެ ވަރލްޑް ކަޕް އިނގިރޭސި ވިލާތުގައި ބޭއްވުމަށް ފީފާއަށް ގޮވާލާފައެވެ.
ޤަތަރަކީ ހޫނު ހަނަފަސް ސަހަރާއެއްގެ ތެރޭގައި ހިމެނޭ ޤައުމަކަށް ވުމުން ޤަތަރުގައި ވަރލްޑް ކަޕް ކުޅޭ އިރު ކުޅުންތެރިންނަށް ހޫނު ގަދަވުމުގެ އަސަރު ކުރާނެތީ ކުޅުންތެރިންނާއި، ޓީމުތަކުންވެސް ވަނީ ފީފާގައި ޝަކުވާކޮށްފައެވެ. މިކަމާ ގުޅިގެން ފީފާއިން ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ޤަތަރުގައި ބާއްވާއިރު އާއްމުކޮށް ވަރލްޑް ކަޕް ކުޅޭ ހޫނު މޫސުން ނުވަނަ ޖޫން ޖުލައިގައި މުބާރާތް ކުޅުމުގެ ބަދަލުގައި ފިނުމޫސުމާ ދިމާކޮށް ނޮވެމްބަރ ޑިސެމްބަރަށް މުބަރާތް ބަދަލުކުރުމަށް ނިންމާފައެވެ.