ޚަބަރު

ޤާނޫނުލް އުޤޫބާތުގައި އިސްލާމީ ޝަރީޢަތުގެ ހައްދުތަކާއި ޤިޞާސް ހިމަނުއްވައިދެއްވީ ރައީސް ޔާމީން - ސަލަފް


ދުނިޔޭގެ ޕްރެޝަރުތަކަށް ބެލުމެއްނެތި ޤާނޫނުލް އުޤޫބާތުގައި އިސްލާމީ ޝަރީޢަތުގެ ހައްދުތަކާއި ޤިޞާސް ހިމަނުއްވައިދެއްވީ ހަމައެކަނި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.

ސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދީނީ ޢިލްމުވެރިންގެ ބަހުގެ މައްޗަށް ދުނިޔޭގެ ޕްރެޝަރުތަކަށް ބެލުމެއްނެތި ޤާނޫނުލް އުޤޫބާތުގައި އިސްލާމީ ޝަރީޢަތުގެ ހައްދުތަކާއި ޤިޞާސް ހިމަނުއްވާ އެ ޤާނޫނުގެ 1205 ވަނަ މާއްދާއަށް އިތުރުކޮށްދެއްވާފައި ވަނީ ރައީސް ޔާމީންކަމަށެވެ. ސަލަފުގެ ރައީސް ވަނީ ޤާނޫނުލް އުޤޫބާތުގެ 1205 މާއްދާގެ ފޮޓޯއެއްވެސް ޓްވީޓްކުރައްވާފައެވެ.

އެ މާއްދާގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ޙައްދުފަހަނައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެތް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބުކަމަށެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބުތައް ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަމިއްޔަތުއް ސަލަފުން ތާޢީދުކޮށްފައިވާއިރު، ރައީސް ޔާމީން ގެންދަވަނީ މަރަށް މަރު ހިފުމާއި، އިލާމީ ޝަރީޢަތުގައިވާ ޤިޞާޞް ހިފާނެކަން ފާޅުގައި ވިދާޅުވަމުންނެވެ. އަދި މަރަށް މަރު ތަންފީޒުކުރަން ރާއްޖޭގައި ފަށްޓަވާނެކަމަށްވެސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.