ކުޅިވަރު

ޤައުމީ ކޯޗުގެ އަމާޒު، ދެން އޮންނަ ވަރލްޑްކަޕަށް ދިވެހި ޓީމް ކޮލިފައިކޮށްދިނުން!


ޓާގެޓަކީ 2022 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި ރާއްޖެ ކުޅުން ކަމަށް ދިވެހި ޤައުމ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގަޓް ބުނެފިއެވެ.

ސެޕްޓެމްބަރު މަހު ބަނގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕަށް އެކުލަވާލި ދިވެހި ޓީމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ މިފަހަރު އެކުލަވާލި ޓީމަކީ ކުރިމަގަށް ވިސްނުމަށް ފަހު ނަގާފައިވާ ޓީމެއް ކަމަށެވެ.
ކުރިއަށް އޮތް ސާފް ސުޒޫކީ ކަޕަށް އެކުލަވާލި ރާއްޖޭގެ ޤައުމީ ޓީމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ޕީޓަރ ސެގަޓް ބުނީ މިހާރު އެކުލަވާލާފައިވާ 30 ކުޅުންތެރިންގެ ސްކޮޑަކީ ސީދާ އޭނާ އަމިއްލައަށް ނަގާފައިވާ ސްކޮޑެއް ކަމަށެވެ. އަދި ސްކޮޑް އެކުލަވާލުމުގައި ވިސްނާފައިވާނީ ކުރިމަގަށް ބަލާ ރާއްޖޭގެ ފުޓްބޯޅައިގެ ތެރެއަށް އާޖީލެއް ނެރެންކަމަށެވެ. އެގޮތުން ޓީމް ނެގުމުގައި ކުޅުންތެރިންގެ ޑިސިޕްލިންނާއި، އުމުރާއި ކުރިއެރުމުގެ ފުރުސަތުއޮތް ކުޅުންތެރިންގެ އިތުރުން ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައިވެސް ކުޅުންތެރިންގެ އަހުލާގަށްވެސް ބަލާފައިވާނޭ ކަމަށެވެ.

ރާއްޖޭގެ ޤައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤަތަރުގައެވެ.
ޓީމު ޤަތަރަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. އަދި ޓީމު ސާފް ޗެމްޕިއަންޝިޕަށް ބަނގްލަދޭޝް އަށް ދިއުމަށް ހަމަޖެހިފައިވަނީ އެނބުރި ރާއްޖެ ނައިސް ސީދާ ޤަތަރުންނެވެ.

ސާފް ސުޒޫކީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންގްލަދޭޝްގައެވެ.