ސިޔާސީ

ސާކް ‏‏ސެކްރެޓަރީ ‏ޖެނެރަލް ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި





 


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏ސާކް ‏‏ސެކްރެޓަރީ ޖެނެރަލް ‏ޖެނެރަލް މިސްޓަރ އަރްޖުން ބަހަދަރު ތާޕާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ.


 ‏
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ‏‏ވާހަކަފުޅުގައި، ސާކް ސެކްރެޓަރީ ޖެނެރަލްކަމާ މިސްޓަރ ތާޕާ ‏‏ޙަވާލުވެވަޑައިގަތުމާ ގުޅިގެން، އޭނާއަށް މަރްޙަބާ ‏‏ވިދާޅުވިއެވެ. ‏


 


މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ‏‏ގުޅުންތައް ބަދަހިކޮށް، ޤައުމުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ‏‏ސާކުން އަދާކުރައްވަމުން ގެންދަވާ މުހިންމު ދަޢުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ‏ސާކުގެ ‏‏ކަންތައްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.‏



 


މީގެއިތުރުން، ‏ސާކުގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ‏‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސާކުގެ ސެކްރެޓެރީ ޖެނެރަލް މަޝްވަރާ ‏‏ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ‏އަދި ސާކް ‏‏ސެކްރެޓޭރިއަޓަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ޑިރެކްޓަރ ފާޠިމަތު ‏‏ނަޖުވާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.