މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމުގެ 53 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވާލެއްވިއެވެ. މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.
މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި މާލޭގެ ސުކޫލްތަކުގެ ދަރިވަރުންނާއި ސަރުކާރު އޮފީތަކުގެ މުވައްޒަފުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބައިވެރިވިއެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުންވަނީ ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. ރަސްފަންނުގައި ކުރިއަށް ގެންދިޔަ ބަޑިބޭހުގެ ކުޅިވަރުތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން އެސަރަޙައްދަށް އެއްވިއެވެ. އަދި މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފްއާއި ސްކޫލްތަކުން ބައިވެރިވެގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރެވެ.