ވިޔަފާރި

ބްރިޖް އެޅުމަށް ހަވާލުކުރާނީ ޗައިނާގެ ކުންފުންޏަކާކަން 99 އިންސައްތަ ޔަގީން





 


މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ހަވާލުކުރާނީ ޗައިނާގެ ކުންފުންޏަކާކަން ނުވަދިހަ ނުވަ އިންސައްތަ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.


 
އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްބީސީން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. ރައީސް ޔާމީން ވިދާޅުވީ، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އަޅަން ޗައިނާ ސަރުކާރުގެ ހިލޭ އެހީ ލިބޭނެ ކަމަށާއި، ޗައިނާގެ ރައީސް އެކަމަށް ޝައުގުވެރިވެވަޑައިގެން ވާހަކަތައް ކުރިޔަށް ގެންދަވަން ޖޮއިންޓް ކޮމެޓީއެއް ހައްދަވަން އިސް ނަންގަވާފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޗައިނާ ސަރުކާރުން އެހީވާގޮތަށް ބްރިޖް މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ މި އަހަރު ތެރޭ ހަދަން ނިންމަވާފައިވާ ކަމަށެވެ. އަދި ބްރިޖް އެޅުމަށް ރާއްޖޭގެ ކަނޑުގެ އޮއިވަރު ފަދަ ކަންކަން ބެލުމަށް ޗައިނާގެ ވަފްދެއް ރާއްޖެ އަންނާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.


 
 


ރައީސް ޔާމީން ވިދާޅުވީ ޗައިނާ ދަތުފުޅުގައި އެމަނިކުފާނު އިސްވެ ޗައިނާގެ ސަރުކާރާއި ދެއްކެވީ ބްރިޖްގެ ވާހަކަތައް ކަމަށާއި، ރާއްޖެއަށް ދެއްވާ ހުރިހާ އެހީއެއް ބްރިޖްގެ މަޝްރޫއަށް ދެއްވުމަށް  އެދިވަޑއިގެންނެވިކަމަށްވެސް ރައިސް ޔާމީން ވިދާޅުވިއެވެ.