ޚަބަރު

މިނިވަން ދުވަހުގެ ކުޅިވަރު ޙަރަކާތްތައް މިރޭ


މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި އޮންނާނެއެވެ. ހޯމް މިނިސްޓްރީން ބުނީ، ކުރިން ރޭ ބާއްވާ ގޮތަށް އޮތް މި ޙަރަކާތް އޮންނާނީ މިރޭ ކަމަށެވެ.

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރާ ހެވިކަމުގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީން ބުނީ، މިނިވަން ދުވަހުގެ ކުޅިވަރުގެ ޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އަށްގަޑި ފަނަރައިގައި ކަމަށާއި ދަނޑަށް ޢާންމުން ވައްދަން ފަށާނީ ހަތްގަޑި ފަނަރައިގައި ކަމަށެވެ. މިނިވަން ދުވަހުގެ ކުޅިވަރުގެ ޙަރަކާތްތައް މިރޭ ބާއްވާ ގޮތަށް ހަމަޖެއްސުމާއި ގުޅިގެެން ސަރުކާރުން ވަނީ މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

މީގެއިތުރުން މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފްއާއި ސްކޫލްތަކުން ބައިވެރިވެގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރެވެ.