ޚަބަރު

ސިވިލް ކޯޓްގައި "ނައިޓް ކޯޓް" ތަޢާރަފްކުރަނީ


ސިވިލް ކޯޓްގެ ޝަރީޢަތްތައް ރޭގަނޑުވެސް ކުރިއަށްގެންދާ މިންވަރަށް އެކޯޓަށް ހުށައެޅޭ މައްސަލަތައް އިތުރުވެފައިވާކަމަށް ސިވިލް ކޯޓުން ހާމަކޮށްފިއެވެ.

ސިވިލް ކޯޓުގެ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތަފާސްހިސާބުތައް ޢާންމުކޮށް ސިވިލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ޢަދަދު "ނައިޓް ކޯޓް"ގައި މަސައްކަތްކުރާ މިންވަރަށް އިތުރުވެފައިވާކަމަށެވެ. އަދި ރޭގަނޑުވެސް ސިވިލް ކޯޓްގެ ޝަރީޢަތްތައް ކުރިއަށްގެންދިއުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާކަމަށްވެސް އެކޯޓުން ބުނެއެވެ.

ނައިޓް ކޯޓްއަކީ ގިނަ މައްސަލަތައް ހުށައެޅޭ ކޯޓްތަކުގައި، ރޭގަނޑުގެ ވަގުތުތަކުގައިވެސް ކޯޓްގެ ޝަރީޢަތްތައް ކުރިއަށްގެންދިއުމަށް ކިޔާނަމެކެވެ. މިއީ ހުޅަނގުގެ ޤައުމުތަކުގައި ވަރަށް ކުރިންސުގެ ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ނިޒާމެކެވެ. އަވައްޓެރި އިންޑިއާގައިވެސް 2006 ވަނަ އަހަރުންސުރެ މި ނިޒާމު ގެންދަނީ ހިންގަމުންނެވެ.

ސިވިލް ކޯޓްގައި ނައިޓް ކޯޓް ނިޒާމު ތަޢާރަފްކޮށް، ރޭގަނޑު ޝަރީޢަތްތައް ކުރިއަށްގެންދަން ފެށުމަށް ތައްޔާރުވެފައިވާއިރު، ރާއްޖޭގެ ބައެއް ކޯޓްތަކުގެ ޝަރީޢަތްތައް މިހާރުވެސް މަދު ޙާލަތްތަކުގައި ރޭގަނޑު ކުރިއަށްގެންދެއެވެ.

ސިވިލް ކޯޓްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހައަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 3141 މައްސަލަ އެކޯޓަށް ހުށައެޅިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު 1322 މައްސަލަ އިތުރު ޢަދަދެކެވެ. މިދިޔައަހަރުގެ މި މުއްދަތުގައި އެކޯޓަށް ހުށައެޅިފައިވަނީ 1819 މައްސަލައެވެ.

ސިވިލް ކޯޓުން މިއަހަރު މައްސަލަތައް ނިންމި ނިސްބަތްވެސް މިދިޔައަހަރާ އަޅައި ބަލާއިރު ވަރަށްބޮޑަށް އިތުރުވެފައިވެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކޯޓުން 2149 މައްސަލަ ނިންމާފައިވާއިރު، މިދިޔަ އަހަރު މިމުއްދަތުގައި އެކޯޓުން ނިންމާފައިވަނީ 1278 މައްސަލައެވެ.

ސިވިލް ކޯޓްގެ އަމާޒަކީ އެކޯޓަށް ހުށައެޅޭ މައްސަލަތައް ގިނަވެގެން 1 އަހަރުގެ ތެރޭގައި ނިންމުމެވެ.