ޚަބަރު

ނަރުހުންގެ އެލަވަންސްތައް ކަނޑައެއް ނުލަން - އައިޖީއެމްއެޗް


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުގައި މަސައްކަތްކުރާ ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަނީ ކަމަށް ބުނެ ފަތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށާއި ނަރުހުންނަށް ދެމުން އަންނަ އެއްވެސް އެލަވެންސެއް ކަނޑާލަން އެހޮސްޕިޓަލުން ނިންމާފައި ނުވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައި.ޖީ.އެމް.އެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާރވިސް ކޮމިޝަނުން ކަމާގުޅޭ އިދާރާތަކާއިއެކު ގުޅިގެން ނަރުހުންގެ މަސައްކަތުގައި ފަންނީ ގޮތުން ކުރިއަށްދެވޭނެ ފަދަ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެމަސައްކަތުގައި އައި.ޖީ.އެމް.އެޗުން ވެސް ބައިވެރިވާކަމަށެވެ.

އަދި މިފަދަ މިއޮނިގަނޑެއް ރޭވުމުގެ މައިގަނޑު އަސާސަކީ ނާރސިންގ ދާއިރާތަކުން ފަންނީގޮތުން ކުރިއަށްދިޔުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ނަރުހުން ކޮށްދެއްވާ ބުރަ މަސައްކަތްތަށް އެކަށޭނަ މުސާރައެއް ހަމަޖެއްސުމާއި، އަދި މާލީ ޢިނާޔަތުގެ ގޮތުގައި ނަރުހުންނަށް ލިބެމުންދާ ޢަދަދު އިތުރުކޮށްދިނުންކަމަށް މި ބަޔާނުގައިވެއެވެ. ޕްރޮފެޝަނަލް އޮނިގަނޑުތައް ރޭވުމާއި އެކުލަވާލުމުގައި ސިވިލް ސާރވިސް ކޮމިޝަނުންނާއި ކަމާގުޅުންހުރި އިދާރާތަކުން ވަކި އުޞޫލްތަކެއް ގެންގުޅޭ ކަމަށާއި އަދި މިއުޞޫލްތަކުގެ ސަބަބުން ދާއިރާގެ އެކިއެކި ފަންނީ ގިންތިތަކުގައި ހުރި ފަރަގުތައް އިޞްލާހުކުރެވި، އެއް ހަމައަކުން ހުރިހާ މުވައްޒަފުންނަށް ޢަމަލު ކުރެވޭނެ މަގު ފަހިވެގެންދާކަމަށް އައި.ޖީ.އެމް.އެޗުން ޤަބޫލުކުރާކަމަށްވެސް މި ބަޔާނުގައިވެއެވެ.

އަދި ނަރުހުންގެ އައު އޮނިގަނޑުގެ މަސައްކަތްތައް ނިންމައި ތަންފީޒްކުރުމަށްޓަކައި އެންމެފަހުގެ މަސައްކަތްތައް ކުރެވެމުން ދިޔަނަމަވެސް ފަންނީ އޮނިގަނޑު ފާސްކޮށް އެއާއިއެކު ނަރުހުންގެ މުސާރަޔާއި އިނާޔަތްތަކަށް އަންނަ ބަދަލުތައް ނިންމައި އެކަން ސިވިލް ސާރވިސް ކޮމިޝަނުން އައި.ޖީ.އެމް.އެޗަށް އަންގާފައި ނުވާކަމަށްވެސް އައި.ޖީ.އެމް.އެޗުން ބުނެއެވެ.
އެހެންކަމުން ނަރުހުންނަށް ދެމުން އަންނަ އެއްވެސް އެލަވަންސެއް ކަނޑާލަން އެ ހޮސްޕިޓަލުން ނިންމާފައިނުވާކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. އަދި މިފަދަ ޚަބަރުތައް ފެތުރުމުގައި ސައްޙަ މައުލޫމާތު ހިމެނުމަށް އައި.ޖީ.އެމް.އެޗުން އިލްތިމާސްކުރެއެވެ.