ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިރޭ


މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމް މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުން އޮންނާނެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ދެއްވުންވެން އޮންނާނެއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި މިއަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުމާއި، އެހެނިހެން ޙާއްސަ އިނާމް ދެއްވުމަށް ހަމަޖެހިފައިވާއިރު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު 24 ބޭފުޅަކަށް ދިނުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. ހަމައެހެންމެ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ހަނދަނީ ފައިސާފޮތި ނެރެދެއްވުންވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި އޮންނާނެއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބަލާލާއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި، ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 9 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޕްރޭޑާއި، ރޫޓް މާޗް މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ހުރިހާ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ. މި ރޫޓުމާޗުގައި އެމް.އެން.ޑީ.އެފްގެ ޕެރޭޑާއި، ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމާއި ލަޝްކަރު ބައިވެރިވާނެއެވެ