ކުޅިވަރު

ވޯލްޑްކަޕްގެ އެންމެ ރީތި ގޯލް ޖެހީ ޕަވާޑް!


ވޯލްޑް ކަޕްގައި ފްރާންސްގެ ޒުވާން ޑިފެންޑަރ ޕަވާރޑް ޖެހި ގޯލް މުބާރާތުގެ އެންމެ ރީތި ގޯލަށް ހޮވައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއާއި ކޮޅަށް ޕަވާރޑް ޖެހި މި ގޯލަކީ އެންމެ ރީތި ގޯލަށް ހޮވާފައިވަނީ ފީފާ ވެބްސައިޓްގައި އާއްމުގެ މެދުގައި ނެގުނު ވޯޓަކުންނެވެ. މި ގޯލަކީ ޕަވާރޑް ފްރާންސް ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސްމެއެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕަވާރޑް ބުނީ ބޯޅަ ފޮނުވާލިއިރު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި، ވިސްނީ ގޯލާއި އަމާޒުކޮށް ފޮނުވާލެވޭތޯކަމަށެވެ.

ޕަވާރޑްގެ ފަހަތުން ދެވަނައަށް އެންމެ މޮޅު ގޯލަކަށް ހޮވުނީ، ޖަޕާން ކޮޅަށް ކޮލަމްބިއާގެ ހުއާން ކުއިންޓޯރޭ ޖެހި ހިލޭ ޖެހުމެވެ. އަދި ތިން ވަނަ ލިބުނީ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލޫކާ މޮޑްރިޗް އާޖެންޓީނާ ކޮޅަށް ޖެހި ގޯލެވެ. އެއީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އަތުން ކްރޮއޭޝިޔާ މޮޅުވި މެޗުގައި މޮޑްރިކް ޖެހި ގޯލެވެ.

މި މުބާރާތުގައި ޕަވާރޑްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕްގެ ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.