ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ކެޓި ބްރެޒިލްގެ ކޯޗުގެ މަގާމުގައި މަޑުކުރަން ޓިޓޭ ނިންމައިފިއެވެ. އައު ކޮންޓްރެކްޓްގައި ޓިޓޭ ސޮއިކޮށްފައިވާއިރު، މި ކޮންޓްރެކްޓާއިއެކު ޓިޓޭ 2022ގެ ވޯލްޑްކަޕްގެ ނިޔަލަށް ގައުމީ ޓީމުގައި މަޑުކުރާނެއެވެ.
ޓީޓޭ ބްރެޒިލްގެ ކޯޗުކަމާއި ހަވާލްވީ 2016ވަނަ އަހަރު. އޭނާ ޓީމާއި ހަވާލްވިއިރު ޓީމް އޮތީ ނާޒުކު ހާލަތެއްގައެވެ. ޓީޓީގެ އިރުޝާދުގެ ދަށުން ވޯލްޑްކަޕަށް ކޮލިފައިކޮށް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބްރެޒިލް މުބާރާތާއި ކުރިމަތިލިއެވެ. އެހެންނަމަވެސް ކުއާޓާރ ފައިނަލުން ބްރެޒިލް ކެޓީ ބެލްޖިއަމް އަތުން ބަލިވެގެންނެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޓީޓީގެ ކޮންޓްރެކްޓް އައު ކުރަން ނިންމި ނިންމުމަކީ މުސްތަގްބަލަށް ކުރެވުނު އިންވެސްޓެއްކަމަށެވެ. އައު ޓީމެއް ބިނާކޮށް 2022ގެ ވޯލްޑްކަޕް ކާމިޔާބުކުރުމަކީ ބްރެޒިލްގެ އަމާޒުކަމަށްވެސް އެ ފެޑެރޭޝަނުންގެ ބަޔާނުގައިވެއެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ޓިޓޭ މިހާތަނަށް އިރުޝާދުދިން 26 މެޗުގެ ތެރެއިން އެޓީމް ބަލިވީ އެންމެ ދެ މެޗުންނެވެ. ވިހި މެޗުން މޮޅުވިއިރު، އެއްވަރުވީ އެންމެ ހަތަރު މެޗެވެ. 26 މެޗުގައި ޓިޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލުން 53 ގޯލް ޖެހިކަން ފާހަގަކޮށްލެވެއެވެ.