މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރަސްމީ ބައްދަލުކުރެއްވުމަށް މިފަހަރުވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ ޖުމްހޫރީ މައިދާނުގައި މާދަމާރޭ ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން އޮންނާނެއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 5 ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިފަހަރު 24 ބޭފުޅަކަށް ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި 2 ބޭފުޅުންނަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެއްވި 19 ބޭފުޅުންނަށާއި، އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 3 ބޭފުޅުންނަށެވެ.
މި ޖަލްސާގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 7 ބޭފުޅަކަށާއި، 2017 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށް، ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.
މިދިޔަ އަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި 3 ބޭފުޅުންނާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 20 ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 1 ފަރާތަކާއެކު ޖުމްލަ 24 ފަރާތަކަށް ދީފައިވެއެވެ.