ސިޔާސީ

އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައިފި


އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަކަށް އަމިއްލަ ފަރާތަކުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ހާމަކުރުމުގެ ގޮތުން އެކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ކޮމިޝަނުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް އިތުރު ތަފްޞީލެއް އެކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ޤާނޫނާއި އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި، އަދާލަތު ޕާޓީއެވެ.