ޚަބަރު

އިދިކޮޅު މެމްބަރުން ނާންނާތީ އަނެއްކާވެސް މުހިންމު 2 ބިލެއް ފާސްނުކުރެވިފައި!


އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މިއަދުވެސް މަޖިލީހަށް ހާޒިރުނުވާތީ، މުހިންމު 2 ބިލަކަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ތާވަލުކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ހުށައެޅުމުގެ ބިލް ފާސްކުރުމަށް ވޯޓަށް އެހުމަށެވެ. އިއްޔެވެސް މި ބިލްތަކަށް ވޯޓަށް އެހުމަށް ތާވަލްކުރުމަށްފަހު އެކަށީގެންވާ ޢަދަދަށް މެމްބަރުން ޙާޟިރު ނުވާތީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްވަނީ "މާދަމާވެސް މި މަސައްކަތް ކުރާނެ" ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ. އަދި މަޖިލިސް ރައީސް ގެންދަވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އެހެންނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.

ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުން އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއް މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މަޖިލީހުގެ ތަޅުމުގައި ޙާޟިރުވެތިބޭ ވަގުތެއްގައެވެ. ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްރުން ޕާޓީ ބަދަލުކުރުމުގެ ސަބަބުން މަޖިލީހުގެ ގޮނޑި ގެއްލުމާ ގުޅިގެން، އިދިކޮޅު މެމްބަރުން ނުހިމެނޭގޮތަށް، މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހަމަ ނުވެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ 33 މެމްބަރުންނެވެ.

ސުޕްރީމް ކޯޓްގެ ޤަޟިއްޔާއަކަށް ރިޢާޔަތްކޮށް ޒަރޫރީ ޙާލަތްތަކުގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޢަދަދު ހަމަ ނުވިޔަސް ފަހަކަށް އައިސް މަޖިލީހުގައި ވޯޓަށް އަހައެވެ. އެހެންނަމަވެސް މިގޮތަށް މަޖިލީހުން ފާސްކުރަނީ ބިލްތައް ފާސްކުރުމަށް ތަކުރާރުކޮށް ތާވަލުކުރުމަށްފަހުވެސް މެމްބަރުން ހަމަނުވުމުންނެވެ. އެގޮތުން ދާދިފަހުން ފާސްކުރި ރިޔާސީ އިންތިޚާބުގެ ޤާނޫނަސް އިސްލާޙް ގެނައުމުގެ ބިލާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ފާސްކޮށްފައިވަނީ މިގޮތުގެ މަތިންނެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވި ނަމަވެސް ކޮމިޓީ ޖަލްސާތަކުގައި ބައިވެރިވާކަމަށް މަޖިލީހުގެ ކޮމިޓީ ރިޕޯޓްތަކުން ދައްކައެވެ. އަދި މަޖިލިސް ޖަލްސާތަކުގައި ބައިވެރިނުވެ، ކޮމިޓީ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވަނީ ކޮމިޓީ އެލަވަންސްގެ ބޭނުމުގައި ކަމަށް ވެރިކަންކުރާ ޕީޕީއެމުން ވަނީ ތުހުމަތުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 82 ހާހަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.