ޚަބަރު

ސިލްކް ރޯޑް ބިނާކުރުމަށް ރާއްޖެއިން ބައިވެރިވާތީ އެކަމަށް މަރުހަބާ ކިޔައިފި





 


21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޯޑް ބިނާކުރުމުގެ މަސައްކަތުގައި ރާއްޖެއިން ބައިވެރިވާން ނިންމާފައިވާތީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގް މިކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.


 
ޗައިނާގެ ރައީސް ޝީ މިކަމަށް މަރުހަބާ ވިދާޅުވީ، އެގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


 
ރާއްޖެއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާ ކުރާ މެރިޓައިމް ސިލްކް ރޯޑްގެ ހިއްސާއެއްކަން ފާހަގަ ކުރައްވަމުން ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށް ޗައިނާގެ ރައީސްވަނީ ވިދާޅުވެފައެވެ.


 
ޗައިނާގެ ރައީސް ޝީ ވިދާޅުވީ، ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަ ގައުމަކަށް ކުރަމުންދާ އަސަރުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވިސްނިވަޑައިގަންނަވާ ކަމަށާ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ފައިދާއަށް މަސައްކަތް ކުރުމަށް ޗައިނާއިން އޮތީ ތައްޔާރަށް ކަމަށެވެ.  


 


މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުން ހިޔާރުކޮށްފައިވާ ސިޔާސީ ނިޒާމަށާ ތަރައްޤީގެ މަގުޗާޓަށް ޗައިނާއިން އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށާ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ވަރުގަދަކޮށް އިޤްތިސާދީ ފާޤަތިކަން ކަށަވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.