ވިޔަފާރި

ސަރުކާރުގެެ މަޝްރޫޢުތަކަށް ޗައިނާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގުވެރިކަން





 



ސަރުކާރުން ފައްޓަވަން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކަށް ޗައިނާގެ ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.


 
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޗައިނާއަށް މިހާރު  ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެޤައުމުގެ ތިން ކުންފުންޏަކުން ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި  މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫޢުއަށާއި، ފްލެޓާ އެހެނިހެން ބޮޑެތި މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.


 
ޗައިނާގެ ނަންޖިންގ ސިޓީގެ ރައީސް ޔާމިން ހުންނަވާ ހޮޓޭލްގައި ވަކި ވަކިން ބޭއްވެވި މި ބައްދަލުވުންތަކުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަންސް ކޯޕަރޭޝަނާއެވެ. އެފަރާތުން ވަނީ މާލެ ހުޅުލެ ގުޅުވަލާ ބްރިޖްގެ ތަފްސީލީ ޕްރޮޕޯޒަލްއެއް ހުށައަޅުއްވާފައެވެ. އެގޮތުން އެފަރާތުން ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތާއި ބްރިޖްގެ މަސައްކަތް ނިމުމުން ބްރިޖްގެ ތަސައްވަރު ހިމެނޭ ކުރެހުންތައްވަނީ ދައްކާލާފައެވެ.


 
ދެވަނައަށް ރައީސް ޔާމިން ބައްދަލްކުރައްވާފައިވަނީ ހައިޑްރޯ އިންޓަރނޭޝަނަލް އާއެވެ. އެއަށްފަހު ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ލިމިޓެޑާއިވެސް ރައީސް ބައްދަލުކުރެއްވިއެވެ.


 
ފުރަތަމަ ބައްދަލު ކުރެއްވި ކުންފުނިން ބްރިޖްގެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު އަނެއް ދެކުންފުނިންވަނީ ބްރިޖްގެ އިތުރުން ފްލެޓް އަދި އެހެނިހެން ބިޔަ މަޝްރޫއުތަކަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.


 
މި ތިންކުންފުނިންވެސް ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރިކަން ފާޅުކޮށްފައެވެ.


 
މިކުންފުނިތަކާއި ބައްދަލުކުރައްވާ ރައީސް ޔާމިންވަނީ ބްރިޖް އަދި އައިހެވަންގެ އިތުރުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭން ތަފްސީކޮށް އެފަރާތްތަކާއި ހިއްސާކުރައްވާފައެވެ.


 
މީދާއިރާތަކުގެ އިތުރުން  އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކުރެވޭނެ މަސައްކަތްތައްވެސް ރައީސް ޔާމިން އެފަރާތްތަކާ ހިއްސާކޮށްފައިވެއެވެ. މިކުންފުނިތަކާއެކު ބޭއްވެވި ބައްދަލުވުންތަކަކީ ކަމިޔާބު ބައްދަލުވުންތަކެއްކަމަށް ސަރުކާރުން ބުނެއެވެ.


 
ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އާއި އެކު ރައީސް ޔާމީން ބޭއްވެވި ވާހަކަތަކުގައި ޗައިނާގެ ރައީސް ވަނީ ހުޅުލެއާއި މާލެއާއި ދެމެދު ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާލުވެފައެވެ.