ޚަބަރު

މޫސުމަށް ސަމާލުވެ، ރައްކާތެރިވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ކުރިއަށްއޮތް ތާގައި މޫސުން ގޯސްވެދާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިލްތިމާސްކޮށްފިއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކޮށް އަދި ވަކިން ޚާއްޞަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން، މުވާޞަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރެއެވެ.
މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލު އައިސް ދިމާވާ ޙާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައި އޮންނަ އުޅަނދު ފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ވަނީ ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ފައިމަގުގައި އުޅޭ މީހުންނާއި، އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމެއްގެ ގޮތުގައި ފުލުހުންވަނީ ފާހަގަކޮށްފައެވެ. ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ، ދުއްވާ މީހާއަށާއި ފައިމަގުގައި އުޅޭ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.