ޚަބަރު

ތިން އަތޮޅަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ - މެޓް


ތިން އަތޮޅަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނާ ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ބ.އަތޮޅާއި، ރ.އަތޮޅާއި، ގދ.އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެއެވެ.

މެޓް އޮފީހުންވަނީ މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ތިން އަތޮޅަށް ވިލާގަނޑުގައި ވައިގަދަވާނެކަމަށާއި، އެގޮތުން ވިލާގަނޑުގައި 45 މޭލު ބާރުމިނަށް ވައިދަގަވާނެކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވުމާއި، ދިޔަވަރު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައަރާފާނަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިތިން އަތޮޅުގެ އިތުރުންވެސް ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުންވަނީ ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ވައިގަދަވުމާއި، ކަނޑުގަދަވާނެތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުތައް ކުރުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.