ޚަބަރު

32 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެގެން ކޯސްޓުގާޑުން އެހީވެއްޖެ


މާލެއިން ފުރައިގެން މަޔާފުއްޓަށް 32 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު ދިޔަވެ، އަޑިއަށްދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު މެންދުރު 12:38 އެހާކަށްހާއިރު ކަމަށެވެ. އެމްއެންޑީއެފުން ބުނީ މަޔާފުއްޓަށް ދަތުރު ކުރަމުންދިޔަ ލޯންޗުގައި ތިބީ ފަތުރުވެރިން ކަމަށެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު ލޯންޗުގެ ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ލޯންޗުވެސް މިހާރު މަޔާފުއްޓަށް ދަތުރު ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.