ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު ޢައްޔަންކުރުމަށް ފޮނުވައިފި


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރުމަށް އެކޮމިޝަންގެ ޑިރެކްޓަރ ޢަލީ ނަޝާތުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް، އެކޮމިޝަންގެ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޢަލީ ނަޝާތު އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅައި ދިނުންއެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފަ އެވެ. އަދި މިނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު މުޙައްމަދު ޝަކީލް މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝަކީލް މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަން ޖެހެނީ ކޮމިޝަންގެ ރައީސާއެކު ޖުމްލަ ފަސް މެމްބަރުންނެވެ. ޝަކީލް އިސްތިއުފާ ދެއްވުމާއެކު މިހާރު ކޮމިޝަންގައި ތިއްބެވީ ރައީސް އަޙްމަދު ޝަރީފާއި، މެމްބަރު އަޙްމަދު އަކްރަމާއި، މެމްބަރު އަމްޖަދު މުސްތަފާއާއި، މެމްބަރު އިސްމާއީލް ހަބީބެވެ.