ކުޅިވަރު

ކޮށްދިއްޕަރު ބަލިކޮށް ބަނޑޮސް ޗެމްޕިއަންކަން ހޯދައިފި


އާރލާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް ހޯދައިފިއެވެ.

ބަނޑޮހުގައި މިއަދު ކުޅުނު ފައިނަލް މެޗު ބަނޑޮހުން ކާމިޔާބުކުރީ ގްރޭންޑް ޕާކު ކޮށްދިއްޕަރާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗުގެ ސެޓުތައް ބަނޑޮސް ގެންދިޔައީ ފަންސަވީސް ވިހި، ފަންސަވީސް ތޭވީސް އަދި ފަންސަވީސް އަށާރައިންނެވެ.

ފައިނަލްގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރުޔާގެ މަގާމް ހޯދީ ބަޑޮހުގެ އިސްމާއިލް ސާޖިދެވެ. މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ބަނޑޮހުގެ އަހުމަދު އަބްދުލްކަރީމެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ގްރޭންޑް ޕާކު ކޮށްދިއްޕަރުގެ އަޝްފާގު އާދަމެވެ.

އެންމެ މޮޅު މިޑްލް ބްލޮކަރަކީ ކޮށްދިއްޕަރުގެ މުޙައްމަދު އަޙުސަންއެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ ބަނޑޮހުގެ ހުސެއިން ސައީދެވެ. މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ބަނޑޮހުގެ އަޙުމަދު ސިމާއު ހޮވުނުއިރު އެންމެ މޮޅު ލިބަރޯއަކީ ބަނޑޮހުގެ މުޙައްމަދު ޝާހެވެ. އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކީ ކޮށްދިއްޕަރުގެ ސަޖިތު ލަހިރެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ބަނޑޮސް މޯލްޑިވްސްގެ ހުސެއިން ރަޒާން. އއެންމެ މޮޅު ކޯޗަކީ ބަނޑޮސް މޯލްޑިވްސްގެ ކޯޗު މުޙައްމަދު ސާޖިދެވެ.