ޚަބަރު

ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުން ވޯޓުލުމަށް ލުއި ފަސޭހަގޮތްތަކެއް


ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުން ވޯޓުލުމަށް ލުއި ފަސޭހަގޮތްތަކެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރަޢީސް އަޙްމަދު ޝަރީފް ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރަށްވެހިންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުޅުމާލެއާއި، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ވޯޓްލުމަށް މާލެއަށް އަންނަން ނުޖެހޭނެކަމަށެވެ. އޭގެބަދަލުގައި އެމީހުންނަށް ހުޅުމާލެއާއި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އައްޑޫސިޓީ ހުޅުދުއާއި މީދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރަށްވެހިން، ހުޅުދޫ ނުވަތަ މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުން ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީކުރުމުގެ ފުރުޞަތު އަންނަމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށްވަނީ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޢަދަދަށް ބަލާއިރު، މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ރަޖިސްޓްރީގައިވާ ފަރާތްތަކަށް 56ވޯޓުފޮށި، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް 72ވޯޓުފޮށި، ރިސޯޓްތަކަށް 36ވޯޓްފޮށި، ސިނާޢީ ރަށްތަކުގައި 6ވޯޓްފޮށި، ޖަލުގައި 4ވޯޓްފޮށި އަދި ރާއްޖެއިން ބޭރުގައި ބަހައްޓާ 7 ފޮށްޓާއެކު ޖުމްލަ 483ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.