ޚަބަރު

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ތަރައްޤީކުރަނީ





 


ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ޚާއްސަ ދިރާސާތަކެއް ކުރަން ފަށައިފިއެވެ.


 
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު ސަތޭކަ ފަސްދޮޅަސް ހަތް މީހަކު އެބަތިއްބެވެ.


 
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން އެތަނުގައި ތިބި ބަލިމީހުންގެ މައުލޫމާތު އެއްކޮށް، އެމީހުންނާ ގުޅޭ ޚާއްސަ އެސެސްމަންޓުތަކެއް ހަދަން ޕާކިސްތާނުގެ ޑޮކްޓަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.


 
އެގޮތުން ކޮންމެ ބަލިމީހެއް ވަކިވަކިން ބަލާ އެމީހުންގެ ޚާލަތު ވަކިވަކިން ދިރާސާކުރުމަށް ވަނީ ހަމަޖެހިފައެވެ.


 
އެމްބީސީ ނިއުސްއާ ވާހަކަދައްކަވަމުން މިޓީމުގައި ހަރަކާތްތެރިވާ ޑޮކްޓަރެއް ކަމަށް ވާ ޕްރޮފެސަރ ޑރ. މުވައްދަތު ރާނާ ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން ނަފްސާނީ ގޮތުން ސީރިއަށް މައްސަލަތެކެއް ކުރިމަތިވެފައިވާ ސަތޭކަ ތިރީސް ހަތް މީހަކު އެބަތިބި ކަމަށެވެ.


 
ސިކުނޑީގެ އުނިކަން ހުންނަ މީހުންނަށް އެކަށީގެންވާ ޚިދުމަތެއް ދިނުމަށްޓަކައި މަރުކަޒުގައި އެމީހުން ވަކިވަކި ޔުނިޓްތަކުގައި ގެންގުޅުން މުހިންމު ކަމަށެވެ.


 
ޑރ. ވިދާޅުވީ، ސިކުނޑީގެ އުނިކަން ހުންނަ މީހުންނަށް މިހާރު ޚިދުމަތްދެމުންދަނީ ނަފްސާނީ ދާއިރާއިން ތަމްރީނު ލިބިފައި ނެތް މީހުން ކަމުން އެފަދަ މީހުންނަށް ޚިދުމަތްދޭނެ ބަޔަކު ތަމްރީނުކުރަންޖެހޭ ކަމަށެވެ. އަދި ހުޅުވާލެވިފައިވާ މާހައުލެއްގައި އެފަދަ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި މިހާރު އެމީހުން ބައިތިއްބާފައި ހުރި މަރުކަޒުގެ އިމާރާތަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.


 
ގުރައިދޫ ސެންޓަރު ތަރައްޤީކުރާއިރު، އެތަނުގެ އިމާރާތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ބަލި މީހުންނަށް ތަރައްޤީ މާޙައުލެއްގައި އުޅުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ތަން ބައްޓަންކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މައުލޫމާތު ދެއްވައެވެ.


 
އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ސޯޝަލް ސަރވިސް އޮފިސަރ ސުނީތާ މުޙައްމަދު ވިދާޅުވީ، މިހާރު ހުރި ސެންޓަރު ޤާއިމްކުރެވިފައިވަނީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތަށް ނޫން ކަމަށާއި އެތަން ތަރައްޤީކޮށް ނިމޭއިރު، ކުޅިވަރު ކުޅުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެންމެ ރައްކާތެރި މާހައުލެއް ޤާއިމްކުރެވޭނެ ކަމަށެވެ. ސުނީތާ ވިދާޅުވީ، ސެންޓަރު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.


 
ޚާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒުގައި ސަތޭކަ ފަސްދޮޅޮސް ހަތް މީހަކު ތިބި އިރު، އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާ އަށާރަ އަހަރުން ދަށުގެ ކުދިންވެސް ހިމެނެއެވެ. ތަނުގެ ޖާގަ ފުރިފައިވާއިރު ބޭސްފަރުވާކޮށް ރަނގަޅުވެފައި އާއިލާއިން ޙަވާލުވާނެ ބަޔަކު ނެތި ފަންސަވީސް މީހަކު އެބަތިއްބެވެ. ބައެއް މީހުން މުޅިން ރަގަޅުވެ އާއިލާއިން ހަވާލުނުވެ ހަތަރު ފަސްއަހަރުވެފައވާ މީހުންވެސް އެބަތިއްބެވެ.


 
 


އެމްބީސީ ނިއުސްއާ ވާހަކަދައްކަމުން މަރުކަޒުގައި ފަރުވާދެވި ރަނގަޅުވެފައި ތިބި ބައެއް ފަރާތްތަކުން ބުނީ، އެމީހުން އާއިލާއިން އެމީހުންނާ ޙަވާލުނުވާތީ ދެރަވާކަމަށެވެ.