ޚަބަރު

ނޭޝަނަލް ތެލެސީމިއާ ޕޭޝަންޓު ކޮންފަރެންސް ނިންމާލައިފި


ތެލެސީމިއާއަށް ހޭލުންތެރިކޮށް، ލޭ އަޅާ ކުދިންނާއި، އެކުދިންނަށް ފަރުވާދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ބޭއްވި ކޮންފަރެންސް ނިންމާލައިފިއެވެ.

''ނޭޝަނަލް ތެލެސީމިއާ ޕޭޝަންޓް ކޮންފަރެންސް'' ގެ ނަމުގައި ބޭއްވި ކޮންފަރެންސަކީ، ތެލެސީމީއާ ގުޅޭ މަޢުލޫމާތާއި، ތެލެސީމީގެ ފަރުވާ ހޯދުމުގެ މުހިންމުކަން އަންގަައިދީ، ތެލެސީމިއާ ކުދިން އެއްތަނަކުން ބައްދަލުވެ، މަޢުލޫމާތު ބަދަލުކުރުމަށް ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ނިމުން ފާހަގަކުރުމަށް މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންފަރެންސްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޠިމް އިބްރާޙީމެވެ. 12 އަހަރުން މަތީގެ ތެލެސީމީއާ ޕޭޝަންޓުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ކޮންފަރެންސްގައި 60 ތެލެސީމިއާ ޕޭޝަންޓުން ބައިވެެރިވިއެވެ. މީގެތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ 18 ޕޭޝުންޓުންވެސް ހިމެނެއެވެ.

މި ކޮންފަރެންސްގައި ތެލަސީމިއާ ބައްޔާބެހޭ އެމެރިކާގެ ތަޖުރިބާކާރު ޕޭޝަންޓެއްކަމަށްވާ މަރިއާ ހާޖީޑިމިޓްރޫ ބައިވެރިވެ ޑޮކްޓަރުންނާއި، ޕޭޝަންޓުންނަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ ތެލެސީމިއާ ސޮސައިޓީން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ. އެންމެ ފުރަތަމަ ކޮންފަރެންސް އަމާޒުކޮށްފައިވަނީ ޑޮކްޓަރުންނަށެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި ތެލެސީމިއާ ބަލީގައި ލޭ އަޅާ 632 ކުއްޖަކު އެބަތިއްބެވެ.