ޚަބަރު

ދެވަނަ "ނޭޝަނަލް ތެލަސީމިއާ ޕޭޝަންޓް ކޮންފަރެންސް" ފަށައިފި


ތެލަސީމިއާ ސޮސައިޓީއިން އިންތިޒާމްކޮށްގެން ލޭއަޅާކުދިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ "ނޭޝަނަލް ތެލަސީމިއާ ޕޭޝަންޓް ކޮންފަރެންސް"ގެ ދެވަނަބުރު ފަށައިއެވެ. މިއީ ލޭއަޅާކުދިންނާއި، އެކުދިންގެ ފަރުވާއާއި ގުޅުންހުރި ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޢުލޫމާތު ބަދަލުކުރުމަށް ބާއްވަމުން އަންނަ 2 ދުވަހުގެ ބައްދަލުވުމެކެވެ.

ތެލަސީމިއާ ސޮސައިޓީއިން އިންތިޒާމްކޮށްގެން ލޭއަޅާކުދިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ "ނޭޝަނަލް ތެލަސީމިއާ ޕޭޝަންޓް ކޮންފަރެންސް"ގައި ބައިވެރިވަނީ އުމުރުން 12އަހަރުން މަތީގެ ތެލަސީމިއާ ޕޭޝަންޓުންނެވެ. މިފަހަރުގެ ބައްދަލުވުމުގައި ޖުމްލަ 60 ޕޭޝަންޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ 18 ޕޭޝަންޓުންވެސް ހިމެނެއެވެ.

ތެލަސީމިއާ ސޮސައިޓީގެ ވައިސް ޗެއަރޕަރސަން ފާތިމަތު ޖީހާން ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކުދިން ބޮޑުވަމުން އަންނައިރު، ތެލަސީމިއާއަށް ފަރުވާ ހޯދުމަށް ދޭންޖެހޭ ސަމާލުކަން އަންގައިދީ އެކަމަށް މިހާރަށްވުރެ ބޮޑަށް ކުދިން އަހުލުވެރިކުރުވުންކަމަށެވެ. އަދި އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ހަށިގަނޑަށް ބަދަލު އަންނަކަމަށާއި، އެހެންކަމުން ފަރުވާހޯދުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން އޭނާ ފަހަގަކުރެއްވިއެވެ. އެގޮތުން ލޭ އެޅުމާއި، ބޭސް ބޭނުންކުރުމާއި، އަދި ދިރިއުޅުން ބައްޓައްކުރާނެ ގޮތްތައް މި ބައްދަލވުމުގެ ތެރެއިން ކިޔައިދެމުންދާކަމަށް ޖީހާން ވިދާޅުވިއެވެ.

"ގިނައިން ލޭއަޅާވަރަކަށް ތެލަސީމިއާ މި ބަދަލުވަނީ ހުރިހާ ގުނަަނެއް ގުޅިފައިވާ ކަމަކަށް. ކުއްޖާގެ ހިތާއި ކަށިތަކާއި، ފުރަމޭއަށް ޚާއްޞަކުރެވިގެން ފަރުވާ ބޭނުންވޭ. އެހެންވީމަ ކުޑައިރު ދެމުންއައި ފަރުވާގެ އިތުރުން ފަރުވާ އެބަ ބޭނުންވޭ." ޖީހާން ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ތެލަސީމިއާ ބައްޔާބެހޭ އެމެރިކާގެ ތަޖުރިބާކާރު ޕޭޝަންޓެއްކަމަށްވާ މަރިއާ ހާޖީޑިމިޓްރޫ ބައިވެރިވެ ޑޮކްޓަރުންނާއި، ޕޭޝަންޓުންނަށް މަޢުލޫމާތު ދިނެއެވެ. އޭނާ ބުނެފައިވަނީ ފަރުވާހޯދުމުގައި އެންމެ މުހިންމީ ޑޮކްޓަރުންނާއި ޕޭޝަންޓުންގެ ގުޅުންކަމަށެވެ. އެގޮތުން ތެލަސީމިއާއާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން، ދިރިއުޅުމުގައި ދިމާވާ ކަންކަންވެސް އެކުދިންގެ ޑޮކްޓަރުންނާއި ޙިއްސާ ކުރުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، ފަރުވާ ދިނުމުގައިވެސް އިތުރަށް ފަސޭހަވާ ކަމެއްކަމަށެވެ. އަދި މިއީ ކުދިންގެ ޙާލަތު ގާތުން ދެނެގަނެވި، ދެފަރާތުގެ އިތުބާރު ބޮޑުވާކަމެއްކަން އޭނާ ފާހަގަކުރިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ޕޭޝަންޓުން ބުނެފައިވަނީ ސެޝަންތަކުގެ ސަބަބުން ކުރިން ނޭންގޭ ގިނަ ކަންކަން އެނގިގެންދިޔަކަމަށެވެ. އެގޮތުން ކެއުމުގައި ސަމާލުކަންދޭވީ ކަންތައްތަކާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރާނެ ގޮތްތަކާއި، އަދި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދަމަހައްޓާނެ ގޮތްތައް އެނގިގެންދިޔަކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން ފަރުވާ ބޭނުންވާ ފަރާތްތަކުން ފަރުވާ ހޯދުމުގައި ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވާކަމަށް ތެލަސީމިއާ ސޮސައިޓީއިން ބުނެއެވެ.

ރާއްޖޭގައި މިހާރުވެސް ތެލަސީމިއާ ޕޭޝަންޓުންގެ ގޮތުގައި ހަސަތޭކައެއްހާ ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ.