ޚަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދައްކުވައިދޭ މިސްކިތެއް ބިނާކުރަނީ





 


ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދައްކުވައިދޭ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.


 
މިއަދު ސޯޝަލް ކައުންސިލްގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ރާއްޖޭގައި މިހާރު ހުންނަ މިސްކިތްތަކާ ތަފާތު މިސްކިތެއް ކަމަށާއި، މި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގައި ހުންނަ މިސްކިތް ތަކުގެ ޑިޒައިން އަސްލެއް ކަމުގައި ބަލައިގެން ކަމަށެވެ.  އަދި މި މަޝްރޫޢު ފެށުމަށް ޓަކައި ތުރުކީގެ އިސްލާމީ ކަންތައްތަކާއިބެހޭ ކައުންސިލާއެކު މަޝްވަރާކުރަމުންދާކަމަށާއި، މިކަން ރަސްމީކޮށް މިހާރު އެކައުންސިލަށް ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މިނިސްޓަރ ވިދާޅުވީ މި މިސްކިތަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްލާމީ ޝަޙްސިއްޔަތުގެ ރަމްޒަކަށް ވެގެން ދާނެކަމަށެވެ. އަދިމިމަހުގެ 17 ވަނަ ދުވަހު ބަހްރެއިންގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށާއި، މި ވަފްދުގެ ދަތުރުގައި އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށް މުސްހަފްތަކެއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.


 
 


މީގެ އިތުރުން ރާއްޖޭގައި ހުރި އާސާރީ މިސްކިތްތައް ވަރަށް ބޮޑަށް ހަލާކުވަމުންދާތީ، އެފަދަތަންތަން ހިމާޔަތް ކުރުމާމެދު އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރެވިފައިވާކަމަށާއި، އިންޑިޔާގެ އެންބަސީއާއި ގުޅިގެން ރާއްޖޭގެ ފަސް ރަށެއްގައި ހުރި އާސާރީ ފަސް މިސްކިތެއް މަރާމާތުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަމުންދާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.