ޚަބަރު

ޖަމްޢިއްޔާ ޖަމާއަތްތައް ހެދުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭ-





 


ޖަމްޢިއްޔާ ޖަމާއަތްތައް ހެދުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެންވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސުން އިންތިޒާމްކޮށްގެން އަލަށް އެކުލަވާލުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާބެހޭ ބިލާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ޖަމްޢިއްޔާ ޖަމާއަތްތައް ހިންގުމުގެ މިނިވަންކަން ޤާނޫން އަސާސީގައި ފުޅާދާއިރާއެއްގައި ލިބިދީފައިވާކަމަށް އަނިލް ވިދާޅުވިއެވެ.


 
ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމަށްޓަކައި ލިބިދޭންޖެހޭ ފަސޭހަތައް ޤާނޫންގައި ތަފްސީލްކޮށް ދިނުމަކީ މުހިންމުކަމެއްކަމަށާއި ޖަމިއްޔާތަކަށް ލިބިދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމާއި،ޖަމްޢިއްޔާ ހިންގުމުގެ ފުރުސަތު މި ޤާނޫނުގައި ތަފްސީލްކޮށްދިނުމަކީ މުހިންމުކަމެއްކަމެއްކަމުގައި އަނިލް ވިދާޅުވިއެވެ. އަދި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު އިސްލާހުވެގެން ދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ވެދެވެންހުރި ހުރިހާ  އެހީތެރިކަމެއް ވެދެއްވާނެކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.


 
ދިވެހިރާއްޖޭގެ ޖަމްޢިއްޔާ ޖަމާއަތްތައް އުފައްދާ ހިންގުމުގެ ދާއިރާ ހަރުދަނާކުރުމަށް އެޓާނީ ޖެނެރަލް ގެ އެހީއާއެކު މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންބުނެއެވެ.


 
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ޖަމްޢިއްޔާ ޖަމާއަތްތަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށްޓަކައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމަށް މަޝްވަރާކުރެވެމުންދާކަމަށެވެ.




މި ބިލް މިއަންނައަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ވަރުވާނެކަމަށާއި، ބިލްތައްޔާރުކުރުމަށްޓަކައި ސަރުކާރާއި މިކަމާ ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށް އައިމަން ވިދާޅުވިއެވެ.


 
 


މިމަހާސިންތާގައި އެޓާރނީޖެނެރަލްގެ އޮފީހާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކާއި ރަށްރަށުގެ ޖަމްޢިއްޔާތައް ބައިވެރިވެފައިވެއެވެ.