ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއެކު، ރާއްޖޭގައި ނަގަމުންދާ ޓެކްސް ފުޅާވެ، އިތުރު ޓެކްސްތަކެއް ތަޢާރަފްވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މީރާގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ، ޑައިރެކްޓް ކޯޕްރޭޓް ޓެކްސް އާއި ޕެޓްރޯލިއަމް ރިވެނިއު ޓެކްސް، ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތަކާއި އެކު ނެގިގެންދާނެ ކަމަށެވެ. މިޓެކްސްތައް ނެގިގެން ދާއިރު ހިންގުމުގެ ޚަރަދަކީ މިރާއިން މިހާރަށް ވުރެ ވިސްނުން ބަހައްޓަންވީ އެއް ދިމާކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މެގަ ޕްރޮޖެކްޓްތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި ޕްރޮޖެކްޓްތަކަކީ އާ އިންވެސްޓްމަންޓްތަކަށް ވާއިރު، އެއިން ތަފާތު ޓެކްސްތަކެއް ނެގުމަކީ އިޤްތިސާދު ފުޅާވެގެން ދާނެ ކަމެއް ކަމަށެވެ. ނަމަވެސް ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރާ އިރު އެފަރާތްތަކަކީ އެޤައުމުތަކުގައިވެސް ޓެކްސް ދައްކާފަރާތްތަކަށް ވުމުން، ޑަބަލް ޓެކްސޭޝަނަށް ފުރުސަތު ހުޅުވޭ ކަމަށާއި، އެހެންކަމުން، އެކަމަށް ސަމާލުކަން ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ އިޤްތިޞާދު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިޤްތިޞާދު ފުޅާވެ، އާ ޓެކްސްތައް ނަގަންފެށި، ޓެކުހުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަސޭހަ، ވިޔަފާރިއާއި ރައްޓެހި އާދަތަކެއް އޮންނަ ސަރުކާރަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެއް އަމާޒުކަމުގައި ބަޔާންކުރެއްވިއެވެ.
ރޭގެ ހަފްލާގައި މިރާއަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން އަލަށް ތަޢާރަފްކުރި "ރަންލާރި އެވޯޑް" 11 ފަރާތަކަށް ދީފައިވެއެވެ. މި އެވޯޑް ދީފައިވަނީ ފަސް ގިންތިއަކަށް ބަހާލައިގެންނެވެ. މީގެ އޮތުރުން މިރާގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، ކުރިއަށް އޮތް ފަސް އަހަރު މިރާގެ ސްޓްރެޓީޖިކް ޕްލޭންގެ އިތުރުން ޓެކްސް ޕޭޔަރ ޗާޓާރ ވެސް ރޭ ވަނީ ނެރެފައެވެ.