 
										
			
 
 
 
ހެލްތު މިނިސްޓަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
 
 
މިނިސްޓަރަށް ރުހުން ދޭން ނުފެންނަކަމަށް ފަސްދޮޅަސް އެއް މެމްބަރުން ވޯޓް ދެއްވާފައިވާއިރު، ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ އެގާރަ މެމްބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ އިންނެވީ އެއް މެމްބަރެވެ.
 
 
ސަރުކާރުގެ މައި ޕާޓީ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިނިސްޓަރ ޝަކީލާއަށް ރުހުންދޭން ނުފެންނަކަމަށް ވޯޓް ދީފައިވާއިރު، ޖުމްހޫރީ ޕާޓީގެ މެމްބަރުންވަނީ ރުހުންދިނުމަށް ފެންނަކަމަށް ވޯޓްދެއްވާފައެވެ.
 
 
ޕީޕީއެމާ އެމްޑީޕީން ވަނީ މިނިސްޓަރ ޝަކީލާއަށް ރުހުން ނުދިނުމަށް ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ. ނަމަވެސް މިނިސްޓަރަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
 
 
ރައީސް ޔާމިން ވަނީމިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރަގެ ނަން މިނިސްޓްރީ އޮފް ހެލްތްގެ ނަމަށް ބަދަލުކުރުމަށްފަހު ހެލްތް މިނިސްޓަރގެ މަގާމަށް ޝަކީލާ އައްޔަންކުރައްވާފައެވެ.
 
 
 
 
ޑރ. ޝަކީލާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓަރގެ މަގާމްވެސް ފުރުއްވާފައެވެ.