ޚަބަރު

ދެހާސް ތޭރަވަނަ އަހަރުގެ ކަލާސް އެވޯޑް ޝަހުދާން ހާސިލްކޮށްފި





 


ސްކޫލް ކުދިންގެ ތެރެއިން އެންމެ މޮޅު އެތުލީޓަކަށް ހުސެން ޝަހުދާން ހޮވި، ދެހާސް ތޭރަވަނަ އަހަރުގެ ކަލާސް އެވޯޑް ޝަހުދާން ހާސިލްކޮށްފިއެވެ.


 
ދެހާސް ތޭރަވަނަ އަހަރުގެ ކަލާސް އެވޯޑް ޝަހުދާންއަށް ލިބުނީ މިރޭ ދަރުބާރުގޭގައި ބޭއްވި ކަލާސް އެވޯޑް ނައިޓްގައެވެ. މިއެވޯޑްނައިޓްގައިވަނީ ސްކޫލް ކުދިންގެ ތެރެއިން އެކިއެކި ކުޅިވަރުތަކުން ފާހަގަ ކުރެވުނު ފަރާތްތަކަށް އިނާމްދީފައެވެ. އެގޮތުން އަށާރަ އަހަރުން ދަށުގެ އެންމެ މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ މުހަންމަދު ޒަޔާން ޝަރީފެވެ. އަށާރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލާ އިންޓަނޭޝަނަލްގެ ހައި ސްކޫލްގެ އާމިނަތު ޝަހުރުނާޒް މޫސާއެވެ. މިއުމުރުފުރާގެ އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަލޮޅު މަދަރުސާގެ އަހުމަދު ތޯއިފް މުހަންމަދެވެ.


 
އަށާރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިއަކީ ސީއެޗްއެސްއީގެ ދީބާ އަހުމަދު އިސްމާޢީލެވެ. މިއުމުރުފުރާގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ހޮވިފައިވަނީ އާދަމް ނާއިފް އުމަރު، އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިއަކީ މުހިއްދީން ސްކޫލްގެ އާމިނަތު ފިރުޝާއެވެ. އަދި ހަމަ މިއުމުރުފުރާގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވިފައިވަނި ހިރިޔާ ސްކޫލްގެ އައިޝަތު ސަރާ އަދި ފިރިހެން އެންމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލްގެ ހުސެން ޝަހުދާން ފަހުމީއެވެ.


 
 


ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމްނާ އަބްދުލް ރަޙްމާނެވެ. މިއުމުރުފުރާގެ އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިއަކީ މުހަންމަދު ޒީސްތް ނަސީމެވެ. މިއެވޯޑްތަކުގެ އިތުރުންވެސް ސާދަ އަހަރުން ދަށާއި ބާރަ އަހަރުން ދަށުން، ފާހަގަކޮށްލެވުނު އަންހެން ކުޅުންތެރިންނަށާއި ފިރިހެން ކުޅުންތެރިންނަށްވަނީ ހަނދާނީ ލިއުންދީފައެވެ. މައިލޯއާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިރޭ ކުރިއަށްދިޔަ ކަލާސް އެވޯޑަކީ ސްކޫލް ކުދިންގެ ތެރެއިން ކުޅިވަރުގެ ގޮތުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާ ކުދިންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ ޚާއްސަ އެވޯޑެކެވެ.