ސިޔާސީ

އިސްރާއިލާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެއްވެސް ގައުމެއްގެ ނުފޫޒެއް ނުފޯރާ





 


އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނާ ގުޅިގެން އިސްރާއިލާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ގައުމެއްގެ ނުފޫޒެއް ފޯރާފައި ނުވާކަމަށާއި އެކަމުން ދޭހަވަނީ ބައިނަލްއަގްވާމީ ގައުމުތަކުން ރާއްޖޭގެ ނިންމުންތައް ބަލައިގެންފައިވުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


 
އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ ނަހުލާ އަލީ ވިދާޅުވީ އިސްރާއީލާއެކު އޮތް ހުރިހާ ގުޅުންތަކެއް ކަނޑާލާފާވާއިރު އެކަމުގައި އިސްރާއީލުންވެސް، އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުންވެސް ރާއްޖެއާއެކު މަޝްވަރާކޮށްފައި ނުވާކަމަށެވެ. އިސްރާއީލުގެ އަނިޔާވެރިކަން ފެންނަހާ ހިނދަކު ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެފައިވާއިރު، މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ރާއްޖެއަށް ފައިދާހުރި ފިޔަވަޅުތަކެއް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. އިސްރާއީލްގެ އުދުވާން ކުށްވެރިކޮށް ރާއްޖެއިންވަނީ އިސްރާއީލްގެ މުދާ ރާއްޖެ އެތެރެކުރުން ހުއްޓާލާފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އިސްރާއީލާއެކު ސޮއި ކޮށްފައިވާ ތިން އެއްބަސްވުމެއްވެސް ސަރުކާރުން ވަނީ އުވާލައްވާފައެވެ.


 
 


ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާންތައް ހުއްޓާލައިފިނަމަ އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި އުވާލާފައިވާ އެގްރީމެންޓްތައް ރުޖޫއަކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.