ކުޅިވަރު

ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖައްސައިފި


ޗެލްސީގެ އާ ކޯޗަކަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސައިފިއެވެ.

ނަޕޯލީއަށް ސެރީއޭގެ ދެވަނަ ހޯދައިދިން ކޯޗު ސާރީ ޗެލްސީއާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއާ ހަވާލުވުމަށްފަހު ސާރީ ބުނީ މިއީ އޭނާގެ ކެރިއަރުގައި ވަރަށް އާ ހިސާބެއް ކަމަށާއި، ޗެލްސީން ދެން ފެނިގެންދާނީ ވަރަށް މުނިފޫހި ފިލުވައިދޭ ފުޓުބޯޅައަކާއެކު ސީޒަން ނިމޭއިރު ޓްރޮފީތަކަށް ވާދަކުރާ މަންޒަރުކަމަށެވެ. ކުރިން ހަމައެކަނި ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި ކޯޗެއްގެ ގޮތުން މަސައްކަތްކުރި ސާރީ 2001 ވަނަ އަހަރު އޭނާގެ ބޮޑު މުސާރަ ލިބޭ ބޭންކް ވަޒީފާ ދޫކޮށްލުމަށްފަހު ފުލްޓައިމް ކޯޗެއްގެ ވަޒީފާއާ ގުޅެމުން ބުނީ ފުޓުބޯޅަ ކޯޗުކަމަކީ އޭނާ ހިލޭވެސް ކޮށްފާނެ މަސައްކަތެއް ކަމަށެވެ.
ނަޕޯލީގެ ކޯޗު ކަމުގައި އޭނާ ހޭދަކުރި ތިން އަހަރު ތެރޭގައި 114 މެޗުން ނަޕޯލީ ވަނީ 251 ގޯލް ޖަހާފައެވެ. އަދި ސާރީ އާއެކު ނަޕޯލީ ފާއިތުވި ސީޒަން ނިންމާލީ އިޓަލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސްގެ ފަހަތުން އެންމެ ހަތަރު ޕޮއިންޓްގެ ފަރަޤަކާއެކުއެވެ. ފާއިތުވި ހަތް ސީޒަންގައިވެސް ޔުވެންޓަސްއާ އެންމެ ގާތް ކުރެވިފައިވަނީވެސް ސާރީ ގެ ކޯޗްކަމުގެ ދަށުގައި އޮތް ނަޕޯލީ އަށެވެ.

ޗެލްސީގެ ކޯޗުގެ މަޤާމް ހުސްވީ އެންޓޯނިއޯ ކޮންޓޭ އިއްޔެ މަޤާމުން ވަކިކުރުމުންނވެ. ކޮންޓޭ މަޤާމުން ވަކިކުރީ އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމްގެ ތެރެއިން ޗެލްސީއަށް ޖާގަ ހޯދާ ނުދެވި، ޗެމްޕިއަންސްލީގުގެ ފުރުޞަތުވެސް ގެއްލުމުންނެވެ. ކޮންޓޭއަށް ޗެލްސީގައި ހުރެވުނީ އެންމެ ދެ އަހަރެވެ. ސާރީ އަކީ ޗެލްސީގެ ވެރިޔާ އަބްރަމްވިޗް 2003 ވަނަ އަހަރު ކްލަބާ ހަވާލުވި ފަހުން ޗެލްސީ ހަވާލުކުރި 13 ވަނަ ކޯޗެވެ.