ޚަބަރު

ށ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފި


މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ށ.އަތޮޅާއި ކ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެ ޞަރަޙައްދަށް، ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 9:50 އިން ހަވީރު 16:00 ގެ ނިޔަލަށެވެ. އެއިދާރާއިން ވަނީ ށ.އަތޮޅާއި ކ.އަތޮޅާއި ދެމެދުގެ ޞަރަޙައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

އަދި ވިލާގަޑުގައި ގަޑިއަކު 40 މޭލާ 45 މޭލު ދެމެދުގެ ބާރު މިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.
އެގޮތުން އުތުރުގެ އަތޮޅުތަކަށް 13:20 ގައި ދިޔަވަރުބޮޑުވާނެ ކަމަށް ލަފާ ކުރެވޭއިރު، މެދުތެރޭގެ ޞަރަޙައްދުތަކަށް 14:17 ގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިން 14:57 ގައި ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.